މާލޭގެ ގެއެއްގައި ހުރި ގަރާޖެއްގައި ރޭ ރޯވި އަލިފާން އެއްކޮށް ނިއްވާލައިފިއެވެ.
މާލޭ އިސްކަންދަރު މަގާއި، ކޯރުކެނޑި މަގާއި ގުޅޭ ކަންމަތީގައި ހުރި ގެއެއްގައި ހުރި ގަރާޖެއްގައި އަލިފާން ރޯވީ ރޭ 12:27 ހާއިރުއެވެ.
އެމްއެންޑީއެފް މީޑިއާއިން ފަތިހު 5:46 ގައި މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، އެ ގަރާޖުގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައިވާ ކަމަށެވެ.
މިހާދިސާގައި ބަޔަކު ނިޔާވެފައިވާ ކަމަށް ޚަބަރު ފެތުރިފައިވާއިރު، އެކަމާބެހޭ ތަފްސީލް އަދި ކަމާބެހޭ އިދާރާތަކުން ސާފުކޮށެއް ނުދެއްވައެވެ.
''މި ހާދިސާގައި ސީނުން ފެނުނު ބޮޑީސްގެ ޢަދަދު އަދި ނުލިބޭ'' 6:00 ގައި އެމްއެންޑީއެފުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ވިދާޅުވެފަ ވެއެވެ.
ރޭ ފުލުހުން ވިދާޅުވީ އެ ގަރާޖުގައި ރޯވި ކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ ރޭ 12:27 ހާއިރު ކަމަށެވެ. އެމްއެންޑީއެފުން ވިދާޅުވީ، އެ ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ ރޭ 12:30 ގައި ކަމަށެވެ.
މި ހާދިސާއާއި ގުޅިގެން ދުމުގެ އަސަރު ކުރި މީހުން ރައްކާތެރި ސަރަހައްދަކަށް ގެންގޮސް، ފަސްޓް އެއިޑްގެ އިތުރުން ނަފްސާނީ އެހީ ވެސް ފޯރުކޮށްދެމުންދާ ކަމަށް ދިވެހި ރެޑް ކްރެސެންޓުން ކުރި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން އަދި ރެޑްކްރެސެންޓުން އަންނަނީ ހަރަކާތްތެރި ވަމުން އަންނައިރު، މަންޒަރުދުއް މީހުން ބުނާގޮތުގައި ގަރާޖު ހުރި ގޭތެރެއިން ހަތަރު ބޮޑީ ބޭގް ވަނީ ނެރެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!