އިހަވަންދިއްޕޮޅު 'ރަސްތަރި' ގުރްއާން މުބާރާތުގެ އުލިގަމު އޮޑިޝަންގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

މި މުބާރާތަކީ އިހަވަންދިއްޕޮޅުގެ ފަސް ރަށަށް ހުޅުވާލައިގެން އިހަވަންދޫ ކައުންސިލުން ބާއްވަން ނިންމާފައިވާ މުބާރާތެކެވެ.

Ad
rt

ތިލަދުންމަތި އުތުރުބުރި އުލިގަމު ކައުންސިލު އިދާރާ އިން ކުރައްވާފައިވާ އިއުލާނެއްގައި ވަނީ އަންނަ ޑިސެމްބަރ މަހުގެ 17 އިން 20 ގެ ނިޔަލަށް ބާއްވާ މި މުބާރާތުގައި ބައިވެރިވުމަށް ދައުވަތު ލިބިފައިވާ ކަމަށެވެ. އެހެންކަމުން މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލުމަށް ނިންމާފައިވާ ކަމަށެވެ.

އުލިގަމު ކައުންސިލުން ވިދާޅުވީ އެ މުބާރާތުގައި އެރަށް ތަމްސީލު ކުރައްވާނެ ބައިވެރިން ހޮވުމަށް ބާއްވާ އޮޑިޝަން މި ނޮވެމްބަރ މަހުގެ 23 އިން 26 އަށް ބޭއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

އިހަވަންދޫ ކައުންސިލުން އިހަވަންދިއްޕޮޅަށް ހުޅުވާލައިގެން ޤުރްއާން މުބާރާތެއް

އެ އޮޑިޝަން ގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި އުލިގަމުގައި ރަށްވެހިވެފައިވާ ފަރާތަކަށް ވާން ޖެހެ އެވެ. އަދި މި އޮޑިޝަން ގައި ބައިވެރިވުމަށް ވަކި އުމުރުފުރާއެއް ނެތްއިރު، މުބާރާތަށް ހޮވިއްޖެނަމަ، އުލިގަމު ތަމްސީލުކުރުމަށް އިއުތިރާޒު ކުރާ ފަރާތަކަށް ނުވުން ވެސް ހިމެނެ އެވެ.

އޮޑިޝަން ގައި ބައިވެރިވުމުގެ އެޕްލިކޭޝަން ފޯމް އީމެއިލް މެދުވެރިކޮށް ނުވަތަ https://forms.gle/4AMXr42rgGVypin7 އާއި އެ ކައުންސިލަށް ވަޑައިގެން ވެސް ފޯމު ފުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އުލިގަމު ކައުންސިލުން ވިދާޅުވެ އެވެ.

އެ ކައުންސިލުން ވިދާޅުވީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ނޮވެމްބަރ 17 ވާ ބްރާސްފަތި ދުވަހު މެންދުރު 11 ޖެހުމުގެ ކުރިން ފޯމު ހުށަހެޅުއްވުމަށް އެދޭ ކަމަށެވެ.

އިތުރު މައުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން 6500036 ނަމްބަރަށް ގުޅުއްވުމަށް އުލިގަމު ކައުންސިލުން އެދިވަޑައިގަންނަވަ އެވެ.

''އިހަވަންދިއްޕޮޅު ރަސްތަރި'' ނަމުގައި ބާއްވާ މި މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައި ވަނީ މިއަހަރުގެ ޑިސެންބަރު މަހުގެ 17 އިން 20 އަށެވެ.