ހދ.ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022" އަންހެން ކެޓަގަރީގެ ފައިނަލުގެ ފަހު ޖާގަ ޓާފް ކުއީން ހޯދައިފިއެވެ.

އަންހެން ކެޓަގަރީގެ ލީގު ބުރުގެ ފަހު މެޗުގައި ރޭ ޒީރު ސްޓާރސްއާއި ޓާފް ކުއީން ބައްދަލުކުރި މެޗު ނިމިފައި ވަނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުން މޮޅުވެގެން ފައިނަލުގެ ޖާގަ ހޯދުމުގެ ފުރުޞަތު ޒީރު ސްޓާރސްއަށް އޮތް ނަމަވެސް މެޗު އެއްވަރުވުމުން ފައިނަލުގެ ފަހު ޖާގަ ލިބިފައިވަނީ ޓާފް ކުއީންއަށެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޓާފް ކުއީންގެ ޖޯޒީ ނަމްބަރު 10، އައިމިނަތު ޝާމިލާއެވެ.

Ad
rt

އަންހެން ކެޓަގަރީގެ ލީގު ބުރުގެ ހުރިހާ މެޗެއް ކުޅެނިމިފައިވާއިރު، ކުޅުނު 3 މެޗުން ލިބުނު 7 ޕޮއިންޓާއިއެކު އެއްވަނަ ހޯދާފައި ވަނީ ސީއެސް ވިމެންސްއެވެ. ކުޅުނު 3 މެޗުން ލިބުނު 5 ޕޮއިންޓާއިއެކު ދެވަނާގައި ޓާފް ކުއީން އޮތްއިރު، ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއިއެކު ތިންވަނަ ލިބިފައި ވަނީ ޒީރު ސްޓާރސްއަށެވެ. ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައި އޮތީ ބީޗް ސިޓީ ވިމެންސްއެވެ.

ސީއެސް ވިމެންސްއާއި ޓާފް ކުއީން ބައްދަލުކުރާ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު ހަވީރު 16:30 ގައި ކުމުންދޫ ފުޓްސަލް ދަނޑުގައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 (ދިހަހާސް ރުފިޔާ)ގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް 5000 (ފަސްހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމާއި ކުޅިވަރުގެ އަޚްލާޤު އަށަގަންނަވައި ކުޅިވަރުގެ ރޫޙު ދިރުވައި ރަށުގައި މޮޅުކުޅުންތެރިން އުފެއްދުމާއި އަރަމުން އަންނަ ކުޅުންތެރިންގެ ހުނަރު ތަރައްޤީކުރުމަށް އިތުރު ފުރުޞަތު ހޯދައިދިނުމެވެ.

މި މުބާރާތުގެ އޮފިޝަލް މީޑީއާ ޕާޓްނަރަކީ "ތިލަދުން" އެވެ.