ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ހދ. ކުޅުދުއްފުށި ސިޓީގައި މިހާރުކުރިއަށްދާ ނޯތް ޒޯން އިންޓަރ ސްކޫލް ނެޓްބޯލް މުބާރާތުގައި ރެ ކުޅުނު މެޗުތައް ޖަލާލުއްދީން ސްކޫލާއި އަފީފުއްދީން ސްކޫލުން ކާމިޔާބުކޮށްފި އެވެ.
ރޭ ކުޅެފައިވަނީ 17 އަހަރުން ދަށުގެ ދެ މެޗެވެ. ފުރަތަމަ މެޗުގައި ޖަލާލުއްދީން ސްކޫލާއި ހދ. އަތޮޅު ތައުލީމީ މަރުކަޒު ބައްދަލުކުރި މެޗު 10 ޝޫޓު 7 ޝޫޓުން ކާމިޔާބުކުރީ ޖަލާލުއްދީން ސްކޫލެވެ. މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމު ލިބުނީ ޖަލާލުއްދީން ސްކޫލުގެ މަރިޔަމް ޝައުސަން ބަޝީރު އަށެވެ.
ދެވަނަ މެޗު އަފީފުއްދީން ސްކޫލުން ކާމިޔާބުކުރީ ނޮޅިވަރަމް ސްކޫލާއި ބައްދަލުކޮށް 29 ޝޫޓު 6 ޝޫޓުން ނެވެ. ކްއީން އޮފް ދަ މެޗުގެ މަގާމު ހޯދީ އަފީފުއްދީން ސްކޫލުގެ ފާތިމަތު ޝައިހާ އެވެ.
މި މުބާރާތުގައި މިއަދު ހެނދުނު ކުޅުނީ 15 އަހަރުން ދަށުގެ ދެ މެޗެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރީ ޖަލާލުއްދީން ސްކޫލާއި ނޮޅިވަރަމް ސްކޫލެވެ. 13 ޝޫޓު 9 ޝޫޓުން ކާމިޔާބުކުރީ ޖަލާލުއްދީން ސްކޫލް ކާމިޔާބުކުރި މި މެޗުގެ ކްއީން އޮފް ދަ މެޗަކަށް ހޮވުނީ ޖަލާލުއްދީން ސްކޫލުގެ މަރިޔަމް މީސާ މުޖުތަބާ އެވެ.
ދެވަނަ މެޗު ވާދަވެރި ކުޅުމަކަށްފަހު، އަފީފުއްދީން ސްކޫލުން ކާމިޔާބުކުރީ ކުމުންދޫ ސްކޫލާ ބައްދަލުކޮށެވެ. އެޓީމުން މި މެޗު ކާމިޔާބުކުރީ 21 ޝޫޓު 19 ޝޫޓުން ނެވެ. ކްއީން އޮފް ދަ މެޗުގެ މަގާމަށް ހޮވުނީ އަފީފުއްދީން ސްކޫލުގެ ރަހާ އަބްދުލް ރައްޒާގު އެވެ.
މީގެ އިތުރުން މިއަދު ހަވީރާއި މިރޭ ވެސް އިތުރު މެޗުތަކެއް ކުޅުމަށް ވަނީ ތާވަލުކޮށްފަ އެވެ. އެގޮތުން ހަވީރު ކުޅޭނީ އަފީފުއްދީން ސްކޫލާއި ހދ. އަތޮޅު ތައުލީމީ މަރުކަޒު ބައްދަލުކުރާ މެޗާއި ޖަލާލުއްދީން ސްކޫލާއި ފުނަދޫ ސްކޫލް ބައްދަލުކުރާ މެޗެވެ. މިއީ 13 އަހަރުން ދަށުގެ ދެ މެޗެވެ.
މިރޭ ކުޅޭނީ ނެއްލައިދޫ ސްކޫލާއި ހދ. އަތޮޅު ތައުލީމީ މަރުކަޒެވެ. އަދި އަފީފުއްދީން ސްކޫލާއި ޖަލާލުއްދީން ސްކޫލް ބައްދަލުކުރާ މެޗެވެ. މިއީ 17 އަހަރުން ދަށުގެ ދެ މެޗެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!