ހދ. ކުޅުދުއްފުށި ސިޓީގައި މިއަދު ފެށި އިންޓަރ ސްކޫލު، ނޯތް ޒޯން ނެޓްބޯލް މުބާރާތުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗު އެެއްވަރުވެގެން ނިމިއްޖެ އެވެ.

މި މެޗުގައި ބައްދަލުކުރީ ފުނަދޫ ސްކޫލާއި ނެއްލައިދޫ ސްކޫލެވެ. 13 އަހަރުން ދަށުގެ އުމުރުފުރައިގެ މި މެޗު ނިމުނީ 4 ޝޫޓް 4 ޝޫޓުން އެއްވަރުވެގެން ނެވެ. މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމު ހޯދީ ނެއްލައިދޫ ސްކޫލުގެ ސާރާ އަހްމަދެވެ.

Ad
rt

މިއަދުގެ ދެވަނަ މެޗަކީ ވެސް 13 އަހަރުން ދަށުގެ އުމުރުފުރައިގެ މެޗެކެވެ. މި މެޗު ޖަލާލުއްދީން ސްކޫލާއި ވާދަކޮށް އަފީފުއްދީން ސްކޫލުން ކާމިޔާބުކުރީ 13 ޝޫޓް 1 ޝޫޓުގެ ތަފާތުބޮޑު ނަތީޖާ އަކުން ނެވެ. މި މެޗުގެ ކްއީން އޮފް ދަ މެޗަކަށް ހޮވުނީ އަފީފުއްދީން ސްކޫލުގެ އައިމިނަތު އައުހާ އަބްދުލް ރަހްމާން އެވެ.

މި މުބާރާތުގައި މިރޭ ކުޅޭނީ 17 އަހަރުން ދަށުގެ އުމުރުފުރައިގެ ދެ މެޗެވެ. ފުރަތަމަ މެޗުގައި ޖަލާލުއްދީން ސްކޫލާއި ނޮޅިވަރަމް ސްކޫލް ބައްދަލުކުރާ އިރު، މި މެޗު ފަށާނީ މިރޭ 8 ޖަހާއިރު އެވެ. ދެވަނަ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ. މި މެޗުގައި ބައްދަލުކުރާނީ އަފީފުއްދީން ސްކޫލާއި ނެއްލައިދޫ ސްކޫލެވެ.

މީގެ އިތުރުން މާދަމާ ހެނދުނު ވެސް ދެ މެޗު ކުޅުމަށް ތާވަލުކޮށްފައި ވެއެވެ. ހެނދުނު 6 ޖަހާއިރު ފަށާ ފުރަތަމަ މެޗުގައި ހދ. އަތޮޅު ތައުލީމީ މަރުކަޒާއި ޖަލާލުއްދީން ސްކޫލް ވާދަކުރާއިރު، 7 ޖަހާއިރު ފަށާ ދެވަނަ މެޗުގައި ބައްދަލުކުރާނީ ނެއްލައިދޫ ސްކޫލާއި ކުމުންދޫ ސްކޫލެވެ.

ނޮވެމްބަރ މަހުގެ 14 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާ މި މުބާރާތުގައި 13 އަހަރުން ދަށް، 15 އަހަރުން ދަށް އަދި 17 އަހަރުން ދަށުގެ އުމުރުފުރާގެ ޓީމުތައް ވަނީ ބައިވެރިކޮށްފަ އެވެ.