ކުލަބް މޯލޑިވްސް ކަޕް ފުޓްސަލް މުބާރާތުގައި ރޭ ފެނަކައާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބައްދަލުކުރި ފައިނަލް މެޗު 1-1 ގެ ނަތީޖާއިން އެއްވަރުވެގެން ނިމެންދަނިކޮށް މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭ ފެނަކައިގެ ހުސެއިން ޝަރީފް (އޮންލީ) ކާމިޔާބު ކޮށްދިން ލަނޑުން މޮޅުވެ މުބާރާތުގެ ޗެމްޕިއަންކަން ފެނަކައިން ހޯދައިފިއެވެ.

މިއީ ކުލަބް މޯލްޑިވްސް ކަޕް ފެނަކައިން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މިއީ އެ ޓީމަށް މި މުބާރާތުގެ ފައިނަލަށް ވެސް ދެވުނު ފުރަތަމަ ފަހަރެވެ.

Ad
rt

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑު ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ފައިނަލް މެޗުގެ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހެވެ.

ފޯރިގަދަ ވާދަވެރި ބަލާހިތްވާ ކަހަލަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ އެމްޕީއެލް އިންނެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ އަލީ ޝަމާލް އަބްދުﷲ (ޝަންމު) އެވެ.

ބައިކޮޅަށް ވަތް ލަނޑާއިއެކު ފެނަކައިން ކުރިއަށް ޖެހިގެން ކުޅުނު ނަމަވެސް ފުރަތަމަ ހާފުގައި ފެނަކައަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވެއެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން ޓީމް ކުރިއަށް ޖައްސައި ފެނަކައިން އައީ ލަނޑުޖަހަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން މެޗުގެ 33 ވަނަ މިނެޓުގައި އަޔާ ފޮނުވާލި ބާރު ޝޮޓެއް ގޯލު ދަނޑި ކައިރީހުރެ އެ ޓީމްގެ މުހައްމަދު އައްޒާމް ވަނީ އެ ބޯޅައިގައި ޓަޗުކޮށް ގޯލުގެތެރެއަށް ވައްދާލާފައެވެ.

ފެނަކަ މޮޅުވި ލަނޑު ޖެހީ މެޗު ނިމެން 33 ސިކުންތަށް ވެފައިވަނިކޮށް އަޔާ ފޮނުވާލި ހަމަލާއެއް ރަނގަޅަށް އެމްޕީއެލްގެ ކީޕަރަށް ދިފާއު ނުކުރެވުމުގެ ފައިދާނަގައި އޮންލީއެވެ. މުބާރާތުގައި 13 ގޯލު ޖަހައިގެން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަޤާމުވެސް ހޯދާފައި ވަނީ އޮންލީއެވެ.

މެޗުގެ ފަހު ކަށިގަނޑަށް ފަހު ހިނގާދިޔަ ހަމަނުޖެހުމާއި ގުޅިގެން ފެނަކައިގެ އިބްރާހިމް މުބީން (މުއްކި) އާއި ކީޕަރު ޒައިދާންގެ އިތުރުން އެމްޕީއެލްގެ އަލީ ހައިޝަމް (ޗުމްޕު) އަށް މެޗުގެ ރެފްރީ ވަނީ ރަތްކާޑު ދައްކާފައެވެ.

ފައިނަލު މެޗުގެ މޮޅު ކުޅުންތެރިއާގެ މަޤާމަށް ހޮވިފައި ވަނީ ފެނަކައިގެ އަޔާޒް އަހްމަދު (އަޔާ) އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ (ކިންގް އޮފް ދަ ޓޯނަމަންޓް) އަށް ހޮވިފައި ވަނީ ވެސް އަޔާއެވެ.

ފައިނަލު މެޗުން ބަލިވި އެމްޕީއެލް އަކީ މި މުބާރާތުގެ ތަށި ތިން ފަހަރު ހޯދި ޓީމެކެވެ. މި އަހަރުގެ ފައިނަލަކީ އެ ޓީމުން މިދިޔަ ފަސް އަހަރުގެ ތެރޭގައި ކުޅުނު ފުރަތަމަ ފައިނަލެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައި ވަނީ އަޔާއާއި އޮންލީގެ އިތުރުން އެމްޕީއެލްގެ ކީޕަރު ފާތިހު އާއި މުހައްމަދު ސާދު ނިޒާރު އަދި ކްލަބް އެޗްޑީސީގެ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.

ފެއާ ޕްލޭ ކުޅުންތެރިއަކަށް އެޗްޑީސީގެ ނާއިޒު ހަސަން (ދާދު) ހޮވުނުއިރު، ފެއާ ޕްލޭ ޓީމަކީ ވެމްކޯ އެވެ. އެންމެ ރަނގަޅަށް ސަޕޯޓްކުރި ޓީމަކަށް ހޮވުނީ ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އެވެ. އެންމެ މޮޅު ކޯޗުގެ މަގާމު ލިބުނީ ފެނަކަ ޓީމުގެ ކޯޗު އަބްދުﷲ ނަސީރު (އަބޯ) އަށެވެ.