އަވަށްޓެރި ސްރީލަންކާ އިން މަކުނު ވިދުރީ (މަންކީ ޕޮކްސް) ގެ ފުރަތަމަ ކޭސް ފެނިއްޖެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އެގައުމުގެ ހެލްތު މިނިސްޓްރީ އާ ހަވާލާދީ، އެގައުމުގެ ނޫސްތަކުން އެކަން ވަނީ ޔަގީންކޮށްދީފަ އެވެ.
ގިނަ އަދަދަކަށް ދިވެހިން ވެސް ދިރިއުޅޭ ލަންކާ އިން މަކުނު ވިދުރީގެ ފުރަތަމަ ކޭސް ފެނިފައިވަނީ މި މަހުގެ އެއްވަނަ ދުވަހު، ދުބާއީ އިން ކޮލަމްބޯއަށް ދިޔަ 20 އަހަރުގެ ޒުވާނެއްގެ ގައިން ކަމަށް ރިޕޯޓުތައް ބުނެފައި ވެއެވެ.
މި ކޭސް ފެނިފައިވާއިރު، މީގެ ކުރިން ވެސް އެ ބައްޔަށް ޝައްކު ކުރެވިގެން ބަޔަކު ވަނީ ޓެސްޓު ކޮށްފަ އެވެ. އެހެންނަމަވެސް އެފަހަރު ޓެސްޓުކުރި ހަ މީހުންގެ ކިބައިން މަކުނު ވިދުރި ފެނިފައިނުވާ ކަމަށް ވަނީ ނިންމާފަ އެވެ.
މިބަލި ފެތުރުމުގެ ނުރައްކާ ބޮޑު ކަމަށް ނިންމާ ބައިނަލްއަގުވާމީ ކުއްލި ހާލަތު ޑަބްލިއުއެޗްއޯ އިން އިއުލާންކޮށްފައި ވަނިކޮށް ލަންކާ އިން މިބަލި ފެނިފައިވާއިރު، ލަންކާގައި މިބަލި ޖެހުނި މީހާ އަށް މިހާރު ދަނީ ލަންކާގެ ނެޝެނަލް އިންސްޓިޓިއުޓް އޮފް އިންފެކްޝަސް ޑިސީސްގައި ފަރުވާ ދެމުން ކަމަށް ވެސް އެގައުމުގެ ނޫސްތަކުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އެމީހާގެ ހާލު ރަނގަޅު ކަމަށާއި އެހެންނަމަވެސް އޭނާގެ ސިއްހީ ހާލަތު ވަރަށްގާތުން އަދިވެސް ބަލަން ބޭނުންވާތީ، އެމީހާ މިހާރުވަނީ ހޮސްޕިޓަލްގައި އެނދުމަތިކޮށްފައި ކަމަށް ވެސް ރިޕޯޓުތަކުން ބުނެ އެވެ.
ހަމަމިއާއެކު އެމީހާއާއި ބައްދަލުވެ، ކައިރީގައި އުޅެފައިވާ އެންމެން ވެސް ކަރަންޓީނު ކޮށްފައިވާ ކަމަށާއި އެހެންކަމުން މި ބަލި އިތުރަށް ފެތުރުމުގފެ ފުރުސަތު ކުޑަކަމަށް ސްރީލަންކާގެ ސިއްހީ އިދާރާ އާ ހަވާލާދީ ހާމަކޮށްފައި ވެއެވެ.
މިއީ މީދާ ފަދަ ޖަނަވާރުގެ ގައިން އިންސާނުންގެ ގަޔަށް އަރާ ބައްޔަކަށްވާއިރު، މަކުނު ވިދުރި ޖެހުމުން ހިމަބިހީގެ އަލާމާތްތަކާއި އެއްފަދަ އަލާމާތްތަކެއް ފެންނާނެ ކަމަށް ސިއްހީ މާހިރުން ވަނީ ވިދާޅުވެފަ އެވެ. އަދި މިއީ 1980 ވަނަ އަހަރު ހިމަބިއްސަށް ވެކްސިނެއް ހޯދި ފަހުން އާންމުންގެ ސިއްހަތަށް ނުރައްކާތެރި، މިފަދަ ބަލިތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ބަލި ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!