މިލަދުންމަޑުލު އުތުރުބުރި (ށ. އަތޮޅު) ގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީ (އެލް.އާރް.އޭ)ގެ ޔުނިޓެއް ގާއިމުކޮށް މިއަދު އެ ޔުނިޓް ރަސްމީކޮށް ހުޅުވައިފިއެވެ.
އެ ޔުނިޓް ގާއިމުކޮށްފައި ވަނީ ށ. އަތޮޅުގެ ވެރިރަށް ފުނަދޫގައި ހުންނަ އަތޮޅު ކައުންސިލްގެ އިދާރާގައެވެ.
އެ ޔުނިޓް ރަސްމީކޮށް ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ޔުނިޓް ހުޅުއްވައިދެއްވީ ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) އެވެ.
ށ. އަތޮޅު ކައުންސިލުން ''ތިލަދުން''އަށް މައުލޫމާތު ދެއްވި ގޮތުގައި އެ އަތޮޅުގައި އެލް.އާރް.އޭގެ ޔުނިޓެއް ގާއިމުކޮށް މިއަދު އެ ޔުނިޓް ރަސްމީކޮށް ހުޅުވުމަށްފަހު ބޭއްވި ބައްދަލުވުމުގައި އެ ޔުނިޓްގެ ފަރާތުން ވަނީ އެ ޔުނިޓްފެ މަސައްކަތްތައް ކުރިޔަށްދާނެ ގޮތާއި، އެ ޔުނިޓުން ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކޮށްފައެވެ.
ށ. އަތޮޅުގައި ލޭބަރ ރިލޭޝަން އޮތޯރިޓީގެ ޔުނިޓެއް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު، ފޮޓޯ: ށ. އަތޮޅު ކައުންސިލް
މި ޔުނިޓުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ 1 ނޮވެމްބަރު 2022 ން ފެށިގެން ކަމަށް ށ. އަތޮޅު ކައުންސިލުން މައުލޫމާތު ދެއްވައެވެ.
އެލް.އާރް.އޭގެ މަސައްކަތް ލާމަރުކަޒު ކުރުމަށްޓަކައި، މިއަހަރުތެރޭ އިތުރު އަތޮޅުތަކެއްގައި މުވައްޒަފުން ބޭތިއްބުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް އެ އިދާރާއިން ކުރިން ވިދާޅުވެފައިވާއިރު، އަމާޒަކީ، އަހަރުގެ ނިޔަލަށް 8 އަތޮޅެއްގައި އޮތޯރިޓީގެ މުވައްޒަފުން ބައިތިއްބައިގެން މަސައްކަތް ފެށުންކަމަށް ވެސް ވިދާޅުވެފަ ވެއެވެ.
ލޭބަރ ރިލޭޝަންސް އޮތޯރިޓީ (އެލް.އާރް.އޭ) އަކީ، ދިވެހިރާއްޖޭގައި ވަޒީފާއާބެހޭ އަސާސީ އުސޫލުތައް ކަނޑައަޅައި، ވަޒީފާދޭ ފަރާތްތަކާއި ވަޒީފާއަދާކުރާ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް ކަނޑައަޅައި އެޙައްޤުތައް ޙިމާޔަތް ކޮށްދިނުމަށް، ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން އުފެދިފައިވާ އިދާރާއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!