ތިލަދުންމަތީ އުތުރުބުރީ ބާރަށް ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ޔުނިޓީ ކަޕް ފުޓްސަލް މުބާރާތް 2022" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިއީ ބާރަށު ކައުންސިލުން އިންތިޒާމް ކޮށްގެން މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. މި އަހަރުގެ މުބާރާތް އަންހެން ކެޓަގަރީއާއި ފިރިހެން ކެޓަގަރީ ހިމެނޭހެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު، މުބާރާތުގައި ކުލަބް ޖަމިއްޔާތަކުގެ ނަމުގައި ވެސް އަދި އަމިއްލަ ފަރުދުންގެ ނަމުގައި ވެސް ޓީމް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

Ad
rt

މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ބާރަށުގައި ފުޓްސަލް ކުޅުމުގެ ރޫޙު އާލާކޮށް، ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަން ޤާއިމުކޮށް، ގުޅުން ބަދަހި ކުރުމެވެ.

މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 17 ނޮވެންބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މުބާރާތުގައި ބައިވުމަށް އެދި ހުށައެޅުމަށް އެ ކައުންސިލުން އެދިލައްވައެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މިހާރު އެ ކައުންސިލުން ލިބެން ހުންނާނެ ކަމަށާއި މުބާރާތުގެ ގަވާއިދު ނޮވެމްބަރ މަހުގެ 2 ވަނަ ދުވަހުން ފެށިގެން ލިބެން ހުންނާނެ ކަމުގައި އެ ކައުންސިލުން ހާމަކުރައްވައެވެ.

މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ވަނީ އަންނަ ނޮވެމްބަރ މަހުގެ 25 ވަނަ ދުވަހުއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެ ކައުންސިލުން މިދިޔަ ސެޕްޓެމްބަރުގައި ވެސް ހުޅުވާލިއެވެ.