ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ '' ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022'' ހޭންޑްބޯލް މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗުތައް މިއަދު ކުޅެ ނިމިފައިވާއިރު، މުބާރާތުގެ ސެމީ ފައިނަލުގައި ފޭދޫއާއި ޅައިމަގު އަދި މިލަންދޫއާއި ކަނޑިތީމް ވާދަކުރަން ޖެހިއްޖެއެވެ.
މިއަދު ގްރޫޕް އޭގައި ކުޅުނު މެޗުގައި ބައްދަލު ކޮށްފައި ވަނީ ކަނޑިތީމާއި ފޯކައިދޫއެވެ. މި މެޗު 9 ލަނޑު 5 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ކަނޑިތީމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ކަނޑިތީމް ޓީމްގެ ޖޯޒީ ނަމްބަރު 12، އައިމިނަތު ނީރާއެވެ.
ގްރޫޕް އޭގެ ޕޮއިންޓް ތާވަލުގެ އެއްވަނަ ޓީމް ގޮތުގައި ސެމީން ޖާގަ ހޯދާފައި ވަނީ ފޭދޫއެވެ. އެ ޓީމުން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު 4 މެޗު ކާމިޔާބުކޮށް 12 ޕޮއިންޓް ހޯދާފައެވެ. ޕޮއިންޓް ތާވަލުގެ ދެވަނަ ޓީމްގެ ގޮތުގައި މި ގްރޫޕުން ސެމީން ޖާގަ ހޯދާފައި ވަނީ ކަނޑިތީމެވެ. ކަނޑިތީމަށް ކުޅުނު 4 މެޗުން 6 ޕޮއިންޓް ލިބިފައިވާއިރު، މި ގްރޫޕްގެ 3 ވަނައަށް ދިޔަ ގޮއިދޫއަށް ވެސް ވަނީ މި އަދަދަށް ޕޮއިންޓް ލިބިފައެވެ. ނަމަވެސް ކަނޑިތީމަށް ސެމީގެ ޖާގަ ލިބިފައި ވަނީ ގޯލުގެ ތަފާތުން ކުރި ލިބިގެންނެވެ.
ގްރޫޕް ބީގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ މާއުނގޫދޫއާއި މިލަންދޫއެވެ. މި މެޗު 14 ލަނޑު 2 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ މިލަންދޫންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މިލަންދޫގެ ޖޯޒީ ނަމްބަރު 99، އައިޝަތު ވަލިއްޔާއެވެ.

މި ގްރޫޕްގައި ކުޅުނު ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ޅައިމަގާއި ފުނަދޫއެވެ. މި މެޗު 7 ލަނޑު 6 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ޅައިމަގެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޅައިމަގުގެ ޖޯޒީ ނަމްބަރު 6، މަރިޔަމް ޝާލިޔާއެވެ.
މިގްރޫޕްގެ ޕޮއިންޓް ތާވަލުގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީން ޖާގަ ހޯދާފައި ވަނީ މިލަންދޫއެވެ. ދެވަނަ ހޯދާ ސެމީގެ ދެވަނަ ޖާގަ ހޯދީ ޅައިމަގެވެ. ތިންވަނާގައި އޮތީ ނަރުދޫއެވެ. މި ތިން ޓީމަށް ވެސް ކުޅުނު ހަތަރު މެޗުން 9 ޕޮއިންޓް ލިބިފައިވާއިރު، މިލަންދޫ އެއްވަނަ އަދި ޅައިމަގަށް ދެވަނަ ލިބިފައި ވަނީ ގޯލުގެ ތަފާތުންނެވެ.
މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މާދަމާ ކުޅުމަށް ތާވަލު ކޮށްފައިވާއިރު، މާދަމާ ހަވީރު 16:30 ގައި ފޭދޫގައި ކުޅޭ ސެމީ ފައިނަލް މެޗުގައި ބައްދަލުކުރާނީ ފޭދޫއާއި ޅައިމަގެވެ. މާދަމާ ހަވީރު 16:30 ގައި ކުޅޭ ސެމީގެ ދެވަނަ މެޗުގައި ޅައިމަގުގައި ބައްދަލު ކުރާނީ މިލަންދޫއާއި ކަނޑިތީމެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލު ކޮށްފައި ވަނީ މި މަހުގެ 30 ވާ އާދީއްތަ ދުވަހުގެ ހަވީރު ޅައިމަގުގައެވެ.
މިލައުތުރު ސްޕޯޓްސް ފިއެސްޓާގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ''ތިލަދުން'' އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!