ސިޔާސީ ގޮތުންނާއި އިސްތިޢުމާރީ ގޮތުން، މި ސަރަޙައްދުގައި އުފެދުނު ކޮންމެ ކޮޅިގަނޑެއްގެ އަސަރު މި ރާއްޖެއަށް ވެސް ފޯރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެކަމުގެ ދަތިތައް، އެކި ދުވަސްވަރު އެކި މިންވަރަށް ދިވެހިންވެސް ތަޙައްމަލުކުރަން ޖެހުނު ކަމަށެވެ.

Ad
rt

އެހެންނަމަވެސް، އެއިން ކޮންމެ ކޮޅިގަނޑަކުން ދިވެހިން ސަލާމަތްކޮށްދިނީ، އަޅުގަނޑުމެންގެ މެދުގައި އޮތް އެއްބައިވަންތަކަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ދިވެހިންގެ މިނިވަންކަމާއި ޤައުމީ ސިޔާދަތު ދިފާޢުކޮށްދިން އެންމެ ވަރުގަދަ އައްޑަނައަކީ، ދީނީ ޢަޤީދާގެ ސަބަބުން ދިވެހިންގެ މެދުގައި އުފެދިފައި އޮތް އެއްބައިވަންތަކަން ކަމަށެވެ.

ރައީސް ވިދާޅުވީ ދީނީގޮތުން ތަފާތު މަޒްހަބުތަކާއި ތަފާތު ގަބޫލުކުރުންތައް ނެތުމަކީ، ދިވެހިންނަށް މާތް ﷲ ދެއްވި އެންމެ އަގުބޮޑު ނިޢުމަތް ކަމަށާއި މިއަދުވެސް އަޅުގަނޑުމެން މިތިބީ އެ ޢަޤީދާގައި، އެ އެކުވެރިކަމާއި އެއްބައިވަންތަ ކަމުގައި ކަމަށެވެ.

"މިއަދުވެސް އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދެނީ ދިވެހިންގެ ދީނީ ޢަޤީދާ ރައްކާތެރިކުރުމަށް. އަޅުގަނޑުމެންގެ އެންމެ އިސް ވާޖިބަކީ ދިވެހިންގެ ސިޔާދަތީ މިނިވަންކަން ދިފާޢުކޮށް ދެމެހެއްޓުން. މިއަދު ވެސް، އިއްޔެ ވެސް އަދި މާދަމާ ވެސް އަޅުގަނޑު އެންމެ އިސްކަން ދޭނީ މި ދެ ކަންތަކަށް." ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރާއިރު، އެ މަތިވެރި ދީން އަޅުގަނޑުމެންނަށް ގެނެސްދިން ރިވެތި ސިފަތަކާއި ހަމަތަކުގެ މަތީގައި ސާބިތުވެ ތިބުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. އަދި އިސްލާމްދީނަކީ ވަރަށް ފުރިހަމަ އަދި ވަރަށް ޝާމިލް ނިޒާމެއް ކަމަށާއި އެ ދީން އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ބާރުއަޅަނީ ދެ މޫނުގެ ވެރި ބަޔަކަށް ނުވުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

އިސްލާމްދީނަކީ ޞުލްޙަޔާއި ހަމަޖެހުމާއި އެކުވެރިކަމުގެ ދީންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ސިފަތައް މުޖުތަމަޢުގައި ދެމެހެއްޓުމަށްޓަކައި، މުސްލިމުންގެ ކިބައިގައި ހަރުލައްވަންޖެހޭ އެންމެ މުހިންމު ސިފަޔަކީ ތެދުބުނުން ކަމަށެވެ. އަދި ކޮންމެ ކަމެއްގައި ވެސް ތެދު ބަހުން ވާހަކަ ދެއްކުމަށާއި ދޮގު ވާހަކަތަކާއި ޔޯލަ ވާހަކަތައް ނުފެތުރުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

މީގެ އިތުރުން ހަގީގަތް އެނގި ތިބެ، މަސްލަހަތު ނަގައިލުމަށްޓަކައި އޮޅުވާލައިގެން ވާހަކަ ނުދެއްކުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

ރައީސް ވިދާޅުވީ އަޅުގަނޑުމެން މިހާރު އުޅެމުން މިދަނީ ވަރަށް ބޮޑަށް ހުޅުވިފައިވާ ދުނިޔެއެއްގައި ކަމަށާއި މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގެ އަޑުތައް ގުގުމާލާފައިވާ މުޖުތަމަޢެއްގައި ކަމަށެވެ.

އެހެން ނަމަވެސް، ދޭދޭ ޤައުމުތަކުގެ މެދުގައި އުފެދިފައި ހުރި ސަރަޙައްދީ އިމުގެ އެތައް މައްސަލައެއް ޙައްލުނުކުރެވި އެބަހުރި ކަމަށާއި ބޮޑެތި ބާރުތަކުގެ މެދުގައި ވެސް އެފަދަ ކޯޅުންތައް ހިނގާކަން ފާހަގަކުރެއްވި އެވެ.