އިސްލާމްދީން ގަބޫލުކުރުމާއެކު، ރާއްޖެއަށް ވަރަށް ބޮޑު އިންޤިލާބީ ބަދަލެއް އައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން އިލްތިމާސް ކުރެއްވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނެވެ.

Ad
rt

މީގެ އިތުރުން މި ދެކޭ ދިވެހިރާއްޖެއާއި، މި ރާއްޖޭގެ އަހުލުވެރިންނަށް ވަންތަކަމެއް ނުވަތަ ވަކި އައިޑެންޓިޓީއެއް ލިބި، ތާރީހުގެ ފަތްފުށްތަކުގައި ބަޔާންކުރެވެން ފެށީ، ރާއްޖެ އިސްލާމްދީނަށް އެނބުރުމަށްފަހުގަ، ފެންނަން ހުރި އާސާރީ ހެކިތަކަށް ބަލާއިރު، ސަލާމްލެއްވި ޢީސާގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމުގެ 500 އަހަރު ކުރިންވެސް، މި ޖަޒީރާތަކުގައި މީހުން ވަޒަންވެރިވެ އުޅުނުކަން ހާމަވާކަމަށް ވިދާޅުވި އެވެ.

ހަމަމިއާއެކު ރާއްޖޭގައި ލިޔެފައިވާ ތާރީހުގެ އަލިފުބާ ފެށެނީ، ރާއްޖެ އިސްލާމްވުމާ ހަމައިންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެއީ މީލާދީން 1195 ވަނަ އަހަރާއި 1196 ވަނަ އަހަރާ ދެމެދު ލިޔެފައި އޮތް އިސްދޫ ލޯމާފާނާއި ގަމު ލޯމާފާނު ކަމަށެވެ. އަދި 1196 ވަނަ އަހަރާއި 1197 ވަނަ އަހަރާ ދެމެދު ލިޔެފައިވާ ދަނބިދޫ ލޯމާފާނާއި، މީލާދީން 13 ވަނަ ޤަރުނުގެ ތެރޭގައި ލިޔެފައިވާ ހައްދުންމަތީ ލޯމާފާނު ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޝިރުކުގެ ތަފާތު ދީންތަކާއި މަޒްހަބުތައް އޮތްއެހެން ނަމަވެސް، އެއީ މާ ސާފުކޮށް ފެންނަން އޮތް ތާރީހެއް ނޫން ކަމަށެވެ.

އިސްލާމްދީން ގެނެސްދިން ރިވެތި ސިފަތަކާއި ހަމަތަކުގެ މަތީގައި ސާބިތުވެ ތިބުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.

"އިސްލާމް ދީނަކީ ޞުލްޙަޔާއި ހަމަޖެހުމާއި އެކުވެރިކަމުގެ ދީންކަން ފާހަގަކުރައްވައި އެސިފަތައް މުޖްތަމަޢުގައި ދެމެހެއްޓުމަށްޓަކައި ކޮންމެ ކަމެއްގައި ވެސް ތެދު ބަހުން ވާހަކަ ދެއްކުމުގެ މުހިންމު." ރައީސް ވިދާޅުވި އެވެ. އަދި ކަންކަމުގެ ޙަޤީޤަތް އެނގި ތިބެ، މަޞްލަޙަތު ނަގައިލުމަށްޓަކައި އޮޅުވާލައިގެން ވާހަކަ ނުދެއްކުމަށް ވެސް އެމަނިކުފާނު ވަނީ ހާއްސަގޮތެއްގައި އިލްތިމާސްކުރައްވާފަ އެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.