މިއަދު އިލްމު އުނގެނުމަކީ، ވަކި ޖިންސެއް ތަފާތުނުކޮށް، ކޮންމެ ކުއްޖަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މަޖީދިއްޔާ ސްކޫލްގެ 95 ވަނަ އަހަރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވެވި ހާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ ކޮންމެ ކުއްޖަކަށް ވެސް، ފަށާ ތަޢުލީމާއި މެދު މަދަރުސީ ތަޢުލީމް ދިނުމަކީ، އެ ކުދިންގެ މައިންބަފައިންނާއި ދައުލަތުގެ މައްޗަށް ޤާނޫނުއަސާސީ ލާޒިމުކުރާ ކަމެއް ކަމަށެވެ.
މީގެ އިތުރުން މިއަދާ ހަމައަށް ރާއްޖޭގެ ތަޢުލީމީ ހަޔާތް އައިއިރު، ވަރަށް ތަފާތު މަރުޙަލާތައް ދިވެހިން ކަޑައްތު ކޮށްފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.
މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރިގެންދާއިރު، އެ މުއައްސަސާއަކީ ހަމައެކަނި މަދަރުސާއެއް ނޫން ކަމަށާއި، މިއީ ދިވެހިންގެ ފަޚުރާއި ޝަރަފްގެ ރަމްޒެއްކަމަށް ރައީސް ވިދާޅުވި އެވެ. އަދި ތަރައްޤީ އާއި ތަހުޒީބުގެ ކުރިބޯށިތައް ދިވެހިންނަށް ދައްކައިދިން ހައިބަވެތި ބިނާއެއް ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން މަޖީދިއްޔާ ސްކޫލަކީ ދިވެހިންގެ ޢުމްރާނީ ފަންނުވެރިކަމުގެ އަގުހުރި ތަރިކައެއް ކަމަށާއި، މި އަގުހުރި ތަރިކަ އަމާނާތްތެރިކަމާއި ރައްކާތެރިކަމާ އެކު، ކުރިމަގުގެ ޖީލުތަކަށް ފޯރުކޮށްދިނުމަކީ، ޤައުމީ ވާޖިބެއްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
"މަޖީދިއްޔާ ސްކޫލުން ޤައުމެއް ތަރައްޤީވެ ކުރިއަރައި ދިއުމަށް ބޭނުންވާ ހުރިހާ ދާއިރާކުން ވަނީ މީހުން ބިނާކޮށްދީފަ. މަޖީދިއްޔާއިން ތަޢުލީމް ޙާޞިލުކުރި އެތައް ދަރިންނެއް، ޤައުމުގެ އެންމެ ކުރީ ސަފުގައި ޚިދުމަތް ކޮށްދެއްވާ. އަދި މިހާރުވެސް ޚިދުމަތް ކުރައްވަމުން ގެންދަވާ." ރައީސް ވިދާޅުވި އެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖީދިއްޔާ ސްކޫލަށް 25 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ޚިދުމަތުގެ ޝަރަފު އަރުއްވާފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މަޖީދިއްޔާ ސްކޫލަށް 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ޚިދުމަތުގެ ޝަރަފު އަރުއްވާފަ އެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މަޖީދިއްޔާ ސްކޫލްގެ 95 ވަނަ އަހަރީ ދުވަހާ ގުޅިގެން އެކި ގޮތްގޮތުން ސްކޫލަށް އެހީތެރިވެދެއްވާފައިވާ ކުންފުނިތަކަށް ހަނދާނީ ފިލާ ދެއްވާފަ އެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، ސަރުކާރުގެ އިސްވެރިންނާއި، މަޖީދިއްޔާ ސްކޫލުން ތަޢުލީމް ހާސިލްކޮށްފައިވާ ގިނަ ފަރާތްތަކެއް ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!