ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި އާރުބީ ލައިޕްޒިގް ބައްދަލުކުރި މެޗު ލައިޕްޒިގުން ކާމިޔާބު ކޮށްފިއެވެ.
ރޭ ލައިޕްޒިގްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި، އެ ޓީމުން ރެއާލުގެ މައްޗަށް ކުރި ހޯދާފައި ވަނީ 3-2 ގެ ނަތީޖާ އަކުންންނެވެ. މިއީ މިސީޒަންގައި ހުރިހާ މުބާރާތެއް ހިމެނޭހެން، ރެއާލް މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ.
ރޭގެ މެޗަށް ނުކުތްއިރު ރެއާލަށް ދެވަނަ ބުރަށް ދަތުރު ކޮށްފައި އޮތުމާއިއެކު، އެ ޓީމްގެ ފުރަތަމަ އެގާރާގައި އާންމުކޮށް ކުޅެމުން އަންނަ ބައެއް ކުޅުންތެރިންނަށް ކޯޗް އެންޗެލޯޓީ ވަނީ ރެސްޓްދީފައެވެ. މިގޮތުން ކަރަވަހާލްއާއި އަލަބާ ވެސް މެޗަށް ނުކުމެފައި ވަނީ ބަދަލު ކުޅުންތެރިންގެ ގޮތުގައެވެ. އެ ޓީމްގެ އިތުބާރު މިޑްފީލްޑަރ މޮޑްރިޗާއި، މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ވަލްވަޑޭ ވެސް ޓީމުގައި ހިމަނާފައި ނުވެއެވެ.
މެޗު ކޮންޓްރޯލް ކޮށްގެން ރެއާލުން ކުޅުނު ނަމަވެސް، މުޅި މެޗުގައި ވެސް ލައިޕްޒިގްގެ ޑިފެންސް ފެނުނީ ވަރުގަދަ ކޮށެވެ. އަދި ކައުންޓަ އެޓޭކްގައި ލައިޕްޒިގުން ވަނީ މުޅި މެޗުގައި ވެސް ރެއާލްގެ ޑިފެންސަށް ބާރު ބޮޑު ކޮށްފައެވެ.
މެޗުގައި ފުރަތަމަ ދެ ލަނޑު ޖަހާފައި ވަނީ ލައިޕްޒިގުންނެވެ. ފުރަތަމަ ލަނޑު 13 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ގްވާޑިއޮލްއެވެ. އޭނާ މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ އެ ޓީމަށް ލިބުނު ކޯނަރަކުން އުފެއްދި ހަމަލާއެއް، ރެއާލްގެ ކީޕަރު އަތުގައި ޖެހިފައި ނުކުތްވަގުތު ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ފުރަތަމަ ލަނޑު ޖެހިތާ ފަސް މިނެޓް ފަހުން ލައިޕްޒިގުން ވަނީ ދެވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެންކުންކޫއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލުން ވަނީ ލަނޑުޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު 44 ވަނަ މިނެޓުގައި އެސެންސިއޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ވިނީސިއަސް ޖޫނިއާއެވެ.
މެޗުގެ ދެވަނަ ހާފުގައި ރެއާލުން ނަތީޖާހަމަހަމަ ކުރުމަށް ޓީމް ކުރިއަށް ޖައްސައިގެން މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. ރެއާލް ކުރިއަށް ޖެހިގެން ކުޅުމުގެ ފައިދާނަގައި 81 ވަނަ މިނެޓުގައި އުފެއްދި ކައުންޓަ އެޓޭކެއްގައި ލައިޕްޒިގުން ވަނީ 3 ވަނަ ލަނޑުޖަހައި ފަރަގު ބޮޑުކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އޭގެ ކުޑަ އިރުކޮޅެއް ކުރިން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ވާނާއެވެ.
ރެއާލުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްފައި ވަނީ މެޗުގެ ފުރިހަމަ ވަގުތުހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. ލައިޕްޒިގްގެ އޭރިއާ ތެރެއިން ރޮޑްރިގޯއަށް އުންކުންކޫ ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްދީ ފަރަގު ކުޑަކޮށްދީފައި ވަނީ ވެސް ރޮޑްރިގޯއެވެ.
މި ގްރޫޕްގައި ހިމެނޭ އަނެއް ދެ ޓީމްކަމުގައިވާ ޝަޚްތަރ ޑޮނެސްކާއި ސެލްޓިކް ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.
މި ގްރޫޕުން ރެއާލް ދެވަނަ ބުރުން ޖާގަ ހޯދާފައިވާއިރު، ގްރޫޕް އެއްވަނާގައި ރެއާލް އޮތީ 5 މެޗުން ލިބުނު 10 ޕޮއިންޓާއިއެކުގައެވެ. ދެވަނާގައި ލައިޕްޒިގް އޮތީ 5 މެޗުން ލިބުނު 9 ޕޮއިންޓާއި އެކުގައެވެ. ތިންވަނާގައި އޮތް ޝަޚްތަރ ޑޮނެސްކަށް 5 މެޗުން 6 ޕޮއިންޓް ލިބިފައިވާއިރު، ފަސް މެޗުން ލިބުނު 2 ޕޮއިންޓާއިއެކު ފުލުގައި އޮތީ ސެލްޓިކެވެ.
މި ގްރޫޕުން ދެވަނަ ބުރުން ޖާގަ ލިބޭ ދެވަނަ ޓީމް ކަނޑައެޅިގެންދާނީ ގްރޫޕް ފަހު މެޗުތަކުގެ ތެރެއިން ޝަޚްތަރ ޑޮނެސްކާއި ލައިޕްޒިގް ބައްދަލުކުރާ މެޗުގެ ނަތީޖާއިންނެވެ. މެޗު އެއްވަރު ކޮށްލައިގެން ދެވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުޞަތު ލައިޕްޒިގަށް އެބައޮތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!