އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމާ ނިންމުމަކުން، ރާއްޖޭގެ އިގްތިސާދީ ސަރަހައްދެއް ނުގެއްލޭނެ ކަމަށް ރާއްޖެ އާއި މޮރިޝަސްގެ އިމުގެ މައްސަލާގައި ރާއްޖޭގެ ފަރާތުން މަސައްކަތްކުރައްވާ ގާނޫނީ ޓީމުގެ ވެރިޔާ ޕްރޮފެސަރު ޕަޔަމް އަހަވަން ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަރޗުވަލްކޮށް ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެއްބަސްވުމަކަށް ނާދެވިގެން އުޅެނީ ދެ ޤައުމުގެ އިޤްތިސާދީ ސަރަޙައްދު ފުށުއަރާ ހިސާބު ބަހާނެ ގޮތަކާ މެދުގައި ކަމަށެވެ. އަދި އޭނާ ވިދާޅުވީ ކޮންމެ ގޮތަކަށް މައްސަލަ ނިމުނުކަމުގައި ވިޔަސް ރާއްޖޭގެ އިގްތިސާދީ ހާއްސަ ސަރަހައްދެއް ނުގެއްލޭނެ ކަމަށެވެ.

Ad
rt

ޕަޔަމް މިހެން ވިދާޅުވެފައި މިވަނީ މި މައްސަލާގައި އދ.ގެ އާންމު މަޖިލީހުގައި ރާއްޖޭން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމުމުން ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭނެކަމަށް ދެކެވޭ ވާހަކައާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

"ޚިޔާލު ތަފާތުވާ ސަރަހައްދު ބަހަން ޖެހިގެން އުޅެނީ ރާއްޖޭން އދ. ގައި ވޯޓު ދޭ ގޮތެއްގެ ސަބަބަކުން ނޫން. އިމުގެ މައްސަލަ ހައްލުކުރަން ޖެހެނީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން އިނގިރޭސި ވިލާތުގެ ބަދަލުގައި މޮރިޝަސް އަށް ކަނޑުގެ ސިޔާދަތީ ބާރު ދިނުމުން. ފުށުއަރާ ސަރަހައްދު އެއްކޮށް ރާއްޖެއަށް ލިބެންޖެހޭނެ ކަމަށް ބައެއް މީހުންނަށް ހީވޭ. އެކަމަކު އެއީ ކަނޑުގެ ސަރަހައްދު ބެހުމުގައި އޮންނަ އުސޫލެއް ނޫން." ޕަޔަމް ވިދާޅުވި އެވެ.

މި މައްސަލަ އިތުރަށް ސާފުކޮށްދެއްވަމުން އޭނާ ވިދާޅުވީ މި މައްސަލަ ހައްލު ނުވެގެން އުޅެނީ ބައިނަލްއަގުވާމީ ގާނޫނުގައި ބުނާ ގޮތަށް ކޮންމެ ގައުމެއްގެ އައްސޭރިފަށުން 200 މޭލު ގުނާއިރު ފުށުއަރާ ހިސާބު ބެހުމުގައި ކަމަށެވެ. އަދި އެއާއި ހިލާފަކީ މޮރިޝަސްގެ ބްލެމެން ރީފުން ފެށިގެން އެ ގައުމުން މިން އަޅަން ބޭނުންވާއިރު، ރާއްޖޭން އެކަމާ ދެކޮޅުހެދުން ކަމަށެވެ.

މިން އަޅަން ފަށަން ޖެހޭނީ ހިކިފަސް ރަށަކުން ފެށިގެން ކަމަށް ވާއިރު، ބްލެމެން ރީފަކީ ހިކި ދިޔާގައި ނޫނީ ނުފެންނަ ތަނެއްކަން ފާހަގަކުރައްވާ ޕަޔަމް ވިދާޅުވީ އެއީ ރަށެއްގެ ގޮތުގައި ޓްރައިބިއުނަލުން ބަލައިނުގަންނާނެ ކަމަށް ވަރަށް ބޮޑަށް އުންމީދުކުރެއްވޭ ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ޗާގޮސް ނުވަތަ ފޯޅަވަހީގެ ކަނޑުގެ ސަރަހައްދާ ރާއްޖެއާއި ފުށޫއަރާކަމަށް ބުނާ މައްސަލައިގައި މޮރިޝަސްއިން އެދޭ ގޮތަށް ދޫނުދޭން ނިންމެވީ ވަކި ޤައުމެއްގެ ނުފޫޒެއް އޮވެގެން ނޫން ކަމަށެވެ. އަދި އެއީ ދިވެހި ސަރުކާރުގެ އަމިއްލަނިންމުމެއް ކަމަށެވެ.

މިކަމުގެ ސަބަބުން ދުނިޔޭގެ އެހެން ޤައުމުތަކާ އޮންނަ ގުޅުން ހީނަރުވެގެން ނުދާނެކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.