ކުޅުދުއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތް (ސްކައި) ގުޅިގެން ކުރިއަށް ގެންދިޔަ ކަނބަލުންގެ ފުޓްސަލް ޗެލެންޖް 2022 ގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ކާމިޔާބު ކޮށްފިއެވެ.

މި މުބާރާތުގެ ފައިނަލް މެޗު އިއްޔެ ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅެފައިވާއިރު، ފައިނަލު މެޗުގައި ބައްދަލު ކޮށްފައި ވަނީ ކުޅުދުއްފުށީ އެކުވެރިންގެ ދިރުން (ކެޑް) އާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އެވެ. ކޭއާރުއެޗުން ފައިނަލް މެޗު ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިން ކެޑްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ކޭއާރުއެޗްގެ ޖޯޒީ ނަމްބަރު 23، މުޒްނާ ހަސަންއެވެ.

Ad
rt

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައި ވަނީ ކުލަބް ކޭއާރުއެޗްގެ ޖޯޒީ ނަމްބަރު 21، ސަމާހަތު މުޙައްމަދު، ކޭއާރުއެޗްގެ ޖޯޒީ ނަމްބަރު 8، ޚަދީޖާ އަލީ، ކޭއާރުއެޗްގެ ޖޯޒީ ނަމްބަރު 23، މުޒުނާ ހަސަން، ކެޑްގެ ޖޯޒީ ނަމްބަރު 25، އާމިނަތު އަބްދުލް އަޒީޒް އަދި ޔުނިކް ފްރެންޑްސްގެ ޖޯޒީ ނަމްބަރު 4، ނާޒިމާ މުޙައްމަދެވެ.

މުބާރާޓުގެ ފެއާޕްލޭ ޓީމަކަށް ބީއެސްއޭ ހޮވިފައިވާއިރު، މުބާރާތުގައި 7 ގޯލު ޖަހައިގެން ޓޮޕް ސްކޯރާއަށް ހޮވިފައި ވަނީ ކޭއާރުއެޗްގެ މުޒުނާ ހަސަންއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ (ކުއީން އޮފް ދި ޓޯނަމެންޓް) އަށް ހޮވިފައި ވަނީ ވެސް މުޒުނާއެވެ. މުބާރާތުގެ ރަނަރަޕް ޓީމަކީ (ކެޑް) އެވެ.

މި މުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ޔުނިކް ފްރެންޑްސް، ބީއެސްއޭ، ފްލެމިންގޯ، ކުލަބް ކޭއާރުއެޗް، ޓައިޓަންސްގެ އިތުރުން (ކެޑް) އެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީގެ އަންހެން ފުޓްސަލް ކުރިއަރުވާ، ފުޓްސަލް ކުޅެން ބޭނުންވާ އަންހެން ކުޅުންތެރިންނަށް އެފުރުސަތު ހޯދައިދިނުމާއި، ކުޅިވަރުގެ ރޫހާއި އެއްގޮތަށް ފުޓްސަލް ކުރިއަށް ގެންދިޔުމެވެ. އަދި ފުޓްސަލް ކުޅޭ އަންހެން ކުޅުންތެރިންގެ މެދުގައި އެއްބައިވަންތަކަން އުފެއްދުމާއި އެއްބަޔަކު އަނެއްބަޔަކާއި ބައްދަލުވެ އެކުވެރިކަން އާލާކުރުމާއި ކުޅުދުއްފުށީގެ އަންހެން ކަނބަލުންނަކީ ހަރަކާތްތެރި ދުޅަހެޔޮ ބަޔަކަށް ހެދުން މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.