ރާއްޖެ އާއި ޗާގޮސް ކަނޑުގެ ސަރަހައްދާ މެދު އުފެދިފައިވާ މައްސަލައިގައިި ބަޔަކު އެދޭހާގޮތައް އެހާ ފަސޭހައިން ދީއްލައިލުމަކީ ރާއްޖެއަށް އެންމެ މަސްލަހަތު ހުރިގޮތެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޗާގޯސް މައްސަލާގައި ރާއްޖޭން ދޫދިނުމަށް ނިންމާފައިވާ ކަމަށް ބުނެ ވާހަކަތަކެއް ފެންމަތިވެފައި ވަނިކޮށް، ޤާސިމް މިއަދު ވިދާޅުވީ ރާއްޖޭގެ ބިމުގެ އިތުރަށް ޖައްވާ ކަނޑުންވެސް އެންމެ ކޮޑި އިންޗިއެއް ވެސް ގެއްލެން ނޫނީ ބަޔަކަށްދޭން ގައުމީ ލޭ ހުރި އެއްވެސް ދިވެއްސަކު ނޭދޭނެ ކަމަށެވެ.
ދިވެހިރާއްޖެއާ ޗާގޮސްގެ ފުށުއަރާ ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި، އޮތް ހަމައެކަނި ޙައްލަކީ ''އިކުއިޑިސްޓޭންސް''ގެ އުސޫލް ކަމަށް ދެކި، ބަޔަކު ހަމަ އެދޭ އިރަށް ފަސޭހަކަމާއެކު އެގޮތަކަށް ދީލައިލުމަކީ ރާއްޖެއަށް އެންމެ މަސްލަޙަތު ހުރި ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ގާސިމް އިތުރަށް ވިދާޅުވީ އެއީ އިން ވަކި ކުރަން ހުށަހެޅިފައިވަނީ އަންޒަމާނުއްސުރެ އާބާދީގެ ބޮޑު ބައެއް ކަނޑުގެ ރޯއްޖަށް ބަރޯސާވާ މީހުން ދިރިއުޅޭ ދިވެހިރާއްޖެއާ މިދިޔަ ބައި ގަރުނުވެސް އަސްކަރީ ބަނދަރެއްގެ ގޮތުގައި އަދި މުސްތަގުބަލްގައި ވެސް އެފަދަ ގޮތަކަށް އޮތުމުގެ ފުރުސަތު ބޮޑު (އިތުރު 99 އަހަރަށް އެމެރިކާގެ އަސްކަރީ ބަނދަރަކަށް ކުއްޔަށް ދޭން ހުށަހަޅަފައިވާ) ތަނަކާ ދެމެދު އޮތް ސަރަޙައްދެއްގެ ކަމަށް ވާތީ ކަމަށެވެ.
މީގެ އިތުރުން އދގެ ކަނޑުގެ ގާނޫނީ ހަމައިން 200 ނޯޓިކަލް މޭލު ރާއްޖެއަށް ކްލެއިމް ކުރެވޭނެ ކަމަށާއި ދިވެހން އެދެނީ ދިވެހި ސަރުކާރުން، ރާއްޖޭގެ އަންނަން އޮތް ޖީލްތަކުގެ މަސްލަޙަތުގެ ޙިމާޔަތުގައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ވެސް އިހުލާސްތެރިކަމާއެކު ކުރާތަން ފެނުން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
މިމައްސަލައިގައި ރާއްޖެއިން ވަކާލާތު ކުރައްވަނީ އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު އެވެ.
ގިނަބައެއްގެ ފާޑިކިޔުން އަމާޒުވެފައިވާ މި މަސައްލައިގާ އެޓާނީ ޖެނެރަލް އޮފީހުން ވިދާޅުވީ ރާއްޖޭގެ ވިސްނުން ބަދަލުކުރީ ޗާގޯސް އައިލެންޑްސްގެ މިނިވަން ކަމާމެދު ކަމަށެވެ. އަދި ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ސަރަހައްދާ ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނއަޅައިދޭން އެދި މޮރިޝަސްއިން، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ކުރިޔަށްދާ މައްސަލައި ވިސްނުން ބަދަލު ނުކުރާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!