ރާއްޖެއާ ޗައިނާއަކީ ތަރައްޤީގެ ދަތުރުގައި އެކުއެކީގައި ގުޅިގެން ކުރިޔަށްދާ ދެ ޤައުމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެއާ ޗައިނާއިން ސިޔާސީ ގުޅުން ޤާއިމްކުރިތާ 50 އަހަރު ފުރުމުގެ މުނާޞަބާ ފާހަގަކުރުމާއި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 73 އަހަރު ފުރޭ މުނާޞަބާ ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
އެމަނިކުފާނު ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް ކަމަށާއި ރާއްޖެ ތަރައްޤީއަށްކުރާ ދަތުރުގައި ދެޤައުމުގެ ދެމެދު އޮތް ގާތްގުޅުން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.
ރާއްޖޭގެ ތަރައްޤީއަށް ދެއްވާ އެއްބާރުލެއްވުމަށްޓަކައި ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށާއި، ޗައިނާގެ ސަރުކާރަށާއި، ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ، ދެޤައުމުގެ ދެމެދު އޮންނަ ގާތްގުޅުމަކީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ރަހުމަތްތެރިކަމުގެ ގުޅުން ދައްކުވައިދޭ މުހިންމު ގުޅުމެއްކަން ވެސް ފާހަގަކުރެއްވި އެވެ.
ދެޤައުމުގެ ދެމެދު އޮންނަ އަހަރުތަކަށް ދެމިގެންދާ ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސް ވަނީ ރާއްޖެއާ ޗައިނާއަކީ ތަރައްޤީގެ ދަތުރުގައި އެކުއެކީގައި ގުޅިގެން ކުރިޔަށްދާ ދެ ޤައުމުކަން ފާހަގަކުރައްވާފަ އެވެ.
އެމަނިކުފާނު ވިދާޅުވީ ދެ ޤައުމުގެ ގުޅުން ބިނާވެފައިވަނީ، ވަން ޗައިނާ ޕްރިންސިޕަލްއާއި ދެޤައުމުން އިސްކަންދޭ މުހިންމުކަންކަމުގައި ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށް ކަމަށާއި ހަމައެހެންމެ، އެހެން ޤައުމުތަކުގެ އިސްތިޤްލާލާއި ސަރަޙައްދީ އެއްބައިވަންތަކަމަށް ރާއްޖެއިން އަބަދު ވެސް އިޙްތިރާމްކުރާކަމަށެވެ.
މީގެ އިތުރުން ރައީސް ވަނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި ފުރަތަމަ ސޯޝަލް ހައުސިންގ މަޝްރޫޢުކަމުގައިވާ ސިނަމާލެ ފްލެޓްތަކުގެ މަޝްރޫއާއި ހިޔާ ފްލެޓް މަޝްރޫއާއި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ބޮޑުކުރުމުގެ މަޝްރޫއާއި ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތު ކުރުމުގެ މަޝްރޫއަކީ ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިޔަ އުމްރާނީ މަޝްރޫއުތައްކަން ފާހަގަކުރައްވާފަ އެވެ.
ހަމަމިއާއެކު ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގެ އެކި ރަށްރަށުގައި މިހާރު ކުރިއަށްދާ މައިކްރޯ ގްރިޑް ސީވޯޓާ ޑީސެލިނޭޝަން މަޝްރޫޢުތަކުގެ ސަބަބުން ސާފު ބޯފެން ލިބުމުގައި ކުރިމަތިވާ ދަތިކަމަށް ދާއިމީ ހައްލު ހޯދުމަށް މަގުފަހިވެގެންދާނެކަން ވެސް ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ޗައިނާގެ އެހީތެރިކަމާއެކު އިޤްތިޞާދީ ގޮތުންނާއި، އިޖްތިމާއީ ގޮތުން ވެސް ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންގޮސްފައިވާކަން ވެސް ފާހަގަކުރެއްވި އެވެ.
ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 73 އަހަރު ފުރޭ މުނާޞަބާގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށާއި، އެޤައުމުގެ ސަރުކާރަށާއި، ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާ، ރައީސް ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް ތަރައްޤީގެ ރޮނގުގައި ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމާއި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އުންމީދުކުރައްވާކަމުގަ އެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ޗައިނާސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ވަން ލިޒިންއާއި ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކާއި، ކެބިނެޓްގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!