ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ''މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022'' ހޭންޑްބޯޅަ މުބާރާތް މާދަމާ ފަށާނެއެވެ.
ށ.އަތޮޅުގެ 10 ރަށަކުން 10 ޓީމް ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ. މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ބައިވެރިވި ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ފޭދޫގައެވެ. ގްރޫޕް އޭގައި ހިމެނޭ ޓީމްތަކަކީ ކަނޑިތީމް، ފޭދޫ، ބިލެއްފަހި، ފޯކައިދޫގެ އިތުރުން ގޮއިދޫއެވެ.
ގްރޫޕް ބީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ޅައިމަގުގައެވެ. މި ގްރޫޕުގައި ހިމެނޭ ޓީމްތަކަކީ ނަރުދޫ، ޅައިމަގު، މާއުނގޫދޫ، ފުނަދޫގެ އިތުރުން މިލަންދޫއެވެ.
މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު މާދަމާ ހަވީރު ފޭދޫގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކަނޑިތީމާއި ފޭދޫއެވެ.
މި މުބާރާތް ރާވާލާފައި ވަނީ ކޮންމެ ގްރޫޕެއްގައި ހިމެނޭ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމަށް ސެމީ ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. ގްރޫޕް އޭގެ އެއްވަނަ ހޯދާ ޓީމް ސެމީގައި ބައްދަލުކުރަން ޖެހޭނީ ގްރޫޕް ބީގެ ދެވަނަ ހޯދާ ޓީމާއެވެ. އަދި ގްރޫޕް އޭގެ ދެވަނަ ހޯދާ ޓީމް ސެމީގައި ބައްދަލުކުރަން ޖެހޭނީ ގްރޫޕް ބީގެ އެއްވަނަ ޓީމާއެވެ.
މި ފިއެސްޓާގައި ހިމެނޭ ދެ މުބާރާތުގައި ބައިވެރިވި ޓީމްތައް މުބާރާތަށް ތައްޔާރުވުމަށް ށ. އަތޮޅު ކައުންސިލުން ވަނީ ޓީމަކަށް 3000 ރުފިޔާގެ މަގުން 77،000 ރުފިޔާ ހަދިޔާ ކޮށްފަ އެވެ.
މިލައުތުރު ސްޕޯޓްސް ފިއެސްޓާގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ''ތިލަދުން'' އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!