ފަތުރުވެރިކަމުގެ ދާއިރާއިން، ހިތްވަރުދިނުމުގެ ޤައުމީ އިނާމު ވައިކަރަދޫ ޝާޑު އަށް

vaikaradhoo shahidh

ފަތުރުވެރިކަމުގެ ދާއިރާއިން، ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނޭ އެކިއެކި ކަންކަން ހިންގުމާއި ތަޢާރުފު ކުރުމުގެ ރޮނގުން، ހިތްވަރުދިނުމުގެ ޤައުމީ އިނާމު އަލްފާޟިލް އިބްރާހީމް ޝާހިދު، ހުޅުމާލެ. ސާމިޔާގެ (10197) (ވައިކަރަދޫ ޝާޑު) އަށް ލިބިވަޑައިގެންފި އެވެ.

މި އިނާމުތައް ދެއްވެވީ، މި އަހަރުގެ ޤައުމީ އިނާމު ދެއްވުމަށް ދަރުބާރުގޭގައި ރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ.

ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށް އަދި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 19 ބޭފުޅަކަށާއި، 3 ފަރާތަކަށް ލިބިވަޑައިގެންނެވި އެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސް ދެއްވީ، ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސް ދެއްވީ، ހަނދާނީ ފިލައެކެވެ.

އިބްރާހީމް ޝާހިދަކީ، ޒުވާން އުމުރުގައި މަސައްކަތުގެ މައިދާނަށް ނުކުމެވަޑައިގެން، ހިތްވަރާއެކު މަސައްކަތް ކުރައްވައި، އަމިއްލަ ފައިމައްޗަށް ތެދުވެވަޑައިގެން، ސާބިތުކަންމަތީގައި ދެމިހުންނެވި ބޭފުޅެކެވެ. ޝާހިދު ފުރަތަމަ ވަޒީފާ އަދާކުރައްވަން ފެށްޓެވީ 1996 ވަނަ އަހަރު "ޑެސްޓިނޭޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް"ގެ އެއަރޕޯޓް ރެޕްރެޒެންޓެޓިވްގެ މަގާމުގައެވެ.

އިބްރާހީމް ޝާހިދުގެ ޒުވާން އުމުރުން ފެށިގެން ފަތުރުވެރިކަމުގެ ދާއިރާއިން އަމިއްލަ ވިޔަފާރިއެއް ބިނާކުރެއްވުމަށާއި، އެ ދާއިރާއިން ޤައުމަށް ނަފާ ހޯއްދަވައިދެއްވުމަށް ދެކެވަޑައިގަންނަވަމުން ގެންދެވި ހުވަފެން ޙަޤީޤަތަކަށް ހެއްދެވުމަށްޓަކައި، އިނގިރޭސި ބަހާއި، ޖަޕާނު ބަހާއި، އިޓަލީ ބަހުން ފަރިތަކަމާއެކު ލިޔުއްވައި ވާހަކަ ދައްކަވަން ދަސްކުރެއްވިއެވެ. އަދި ފަތުރުވެރިންނަށް ދޭންޖެހޭ އެންމެހައި ޚިދުމަތްތައް ފުރިހަމަގޮތުގައި ދެއްވުމަށްޓަކައި، 2000 ވަނަ އަހަރު، ސްކޫބާ ޑައިވް މާސްޓަރ ފުރިހަމަކުރެއްވިއެވެ. މިހާރު، ޝާހިދަކީ، ޕަޑީ ސްކޫބާ ޑައިވް އިންސްޓްރަކްޓަރެކެވެ. އަދި "ކްލާސް 5 ސަނަދު"ގެ ބޯޓު ކެޕްޓަނެއްވެސް މެއެވެ.

ފަތުރުވެރީންނަށް ޚިދުމަތް ދެއްވުމުގެ ގޮތުން، ޝާހިދު އަމިއްލަފުޅަށް ފުރަތަމަ ބައްލަވައިގަތް އުޅަނދު "ބްލޫ މެރިން 1" ބައްލަވައިގަތުމަށްފަހު، އަމިއްލަފުޅު ކުންފުނި "ބްލޫ ކޭ ސަފާރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އުފެއްދެވީ 2000 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 5 ވަނަ ދުވަހުއެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ޚިދުމަތުގައި މެދުކެނޑުމެއްނެތި 26 އަހަރު ގުނަމުންދާއިރު، އަމިއްލަ 3 ސަފާރީ ބޯޓާއި، 3 ޑައިވް ދޯނި އަދި ގެސްޓްހައުސްއެއް މިހާރުވެސް އޮޕަރޭޓް ކުރައްވަމުން ގެންދަވައެވެ.

ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީ.އީ.އޯ.ގެ ޒިންމާގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ އެހެނިހެން ޤައުމީ ހަރަކާތްތަކުގައިވެސް ޝާހިދު ބައިވެރިވެވަޑައިގަންނަވައެވެ. އެގޮތުން، ބޯޓިންގ އިންޑަސްޓްރީ ކުރިއެރުވުމަށްޓަކައި 2007 ވަނަ އަހަރު އުފެއްދި، ލިވްއަބޯޑް އެސޯސިއޭޝަން (ލޭމް) އަދި މިހާރު، ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން (އެން.ބީ.އޭ.އެމް.)ގެ އެއް މުއައްސިސަކީ، ޝާހިދެވެ. 2013 އިން 2015 އަށް އެން.ބީ.އޭ.އެމް.ގެ ނައިބު ރައީސްކަމާއި، 2017 އިން 2019 އަށް އެން.ބީ.އޭ.އެމް.ގެ ރައީސްކަން ޝާހިދު ކުރެއްވިއެވެ. އަދި މިނިސްޓްރީ އޮފް އިނޮކޮމިކް ޑިވެލޮޕްމަންޓުން އުފައްދައިފައިވާ ބިޒްނަސް ކައުންސިލްގެ މެންބަރުކަންވެސް 2017 އިން 2019 އަށް ކުރެއްވިއެވެ. އޭގެއިތުރުން، ބ. އަތޮޅު ބައޮސްފިއަރ އެޑްވައިޒަރީ ބޯޑާއި، ބ. އަތޮޅު ކޮންޒަވޭޝަން ފަންޑުގެ ބޯޑުގައި 2013 ވަނަ އަހަރުން ފެށިގެން، މޯލްޑިވްސް ބޯޓިންގ އެސޯސިއޭޝަން ތަމްސީލު ކުރައްވަނީ، އިބްރާހީމް ޝާހިދެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ޝާހިދު ހޯއްދަވައިފައިވާ ކާމިޔާބީތަކުގެ ތެރެއިން، ޝާހިދު ހިންގަވާ ކުންފުނިން އޮޕަރޭޓްކުރާ "ސޮލެއިލް ސަފާރީ" އަށް "ވިޒިޓަރސް ޗޮއިސް ލިވްއަބޯޑް އޮފް ދި އިޔަރ" 2007 ވަނަ އަހަރު ވަނީ ލިބިފައެވެ. 2014 ވަނަ އަހަރާއި، 2016 ވަނަ އަހަރާއި، 2018 ވަނަ އަހަރު، "ބެސްޓް ފިޝިންގ ލިވްއަބޯޑް އޮފް ދި އިޔަރ" ޑޮލްފިން ސަފާރީއަށް ލިބިފައި ވެއެވެ. މީގެއިތުރުން، މޯލްޑިވްސް ބޯޓިންގ އެވޯޑް 2019ގެ "ބެސްޓް ލިވްއަބޯޑް އޯރ ޔޮޓް އޮޕަރޭޓަރ އޮފް ދި އިޔަރ" ބްލޫކޭ ސަފާރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ވަނީ ލިބިފައެވެ. އަދި މޯލްޑިވްސް ބިޒްނަސް އެވޯޑް 2019ގެ "އެކްސެލެންސް އިން ހޮސްޕިޓޭލިޓީ" އެވޯޑް، ސޮލެއިލް 2 ސަފާރީއަށް ލިބިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. މީގެ އިތުރުން، 2014 ގެ ބޯޓިންގ ޕަރސަނަލިޓީ އޮފް މޯލްޑިވްސް ލިވްއަބޯޑް އިންޑަސްޓްރީގެ އެވޯޑް ފުރަތަމަ ހާސިލު ކުރެއްވީ އިބްރާހީމް ޝާހިދުކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީއިންނެވެ.

ސަރުކާރުން ދެއްވަމުން ގެންދަވާ ޤައުމީ އިނާމަކީ، ދިވެހި ޤައުމާއި ދިވެހި މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ޤައުމުގެ ތަރައްޤީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެ ކަންކަމުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަޤްޞަދުގައި ދެވޭ އިނާމެކެވެ. ޤައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރުދިނުމުގެ ޤައުމީ އިނާމެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *