ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދިޔަ '' ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022'' ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ފުނަދޫއިން ހޯދައިފިއެވެ.
ފުނަދޫއާއި ނަރުދޫ ބައްދަލުކުރި، މުބާރާތުގެ ފައިނަލް މެޗު މިއަދު ހަވީރު ނަރުދޫ ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފުނަދޫއިން ވަނީ 4-0 ގެ ނަތީޖާއިން ފަސޭހަކަމާއިއެކު ނަރުދޫ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.
ފުނަދޫއިން ވަނީ މުބާރާތުގައި އެ ޓީމް ކުޅުން ހުރިހާ މެޗަކުން ވެސް މޮޅުވެފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ފުނަދޫ ޓީމްގެ ޖޯޒީ ނަމްބަރު 8، އިބްރާހީމް އައިސަމްއެވެ.
މިއަދުގެ ފައިނަލް މެޗް ޝަރަފްވެރިކޮށް ދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބުދުﷲ މައުސޫމެވެ. މި ރަސްމިއްޔާތުގައި ށ. އަތޮޅު ކައުންސިލް ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) އާއި، އަތޮޅު ކައުންސިލްގެ ބައެއް މެންބަރުންނާއި، ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ.
މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން
- އަޙްމަދު އާތިފް (5) – ނަރުދޫ
- މުޙައްމަދު ޝާން (80) – ކަނޑިތީމް
- އަބްދުﷲ ޒަމީން (4) – ފުނަދޫ
- އިސްމާއިލް ޝާފިޢު (23) – ނަރުދޫ
- އިބްރާހީމް ރިފާޒް (7) – ގޮއިދޫ
މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ނޫމަރާ ޓީމްގެ ޖޯޒީ ނަމްބަރު 10، މޫސާ ސަނީހް ހޮވިފައިވާއިރު، މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ފޭދޫ ޓީމްގެ ޖޯޒީ ނަމްބަރު 47، އަޙްމަދު ފާއިން މުޙައްމަދެވެ. ހުރިހާ ގޮތަކުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް (ކިންގް އޮފް ދި ޓޯނަމެންޓް) ހޮވިފައި ވަނީ ނަރުދޫ ޓީމްގެ ޖޯޒީ ނަމްބަރު 23، އިސްމާއިލް ޝާފިޢުއެވެ.
ކިންގް އޮފް ދި ޓޯނަމެންޓް، ނަރުދޫ ޓީމްގެ ޖޯޒީ ނަމްބަރު 23، އިސްމާއިލް ޝާފިޢު
މި ފިއެސްޓާގައި ފުޓްސަލް މުބާރާތުގެ އިތުރުން ށ. އަތޮޅުގެ އަންހެން ބޭފުޅުންނަށް ޚާއްސަކޮށްގެން ބާއްވާ މިލައުތުރު ހޭންޑްބޯލް މުބާރާތް ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ތާވަލު ކޮށްފައެވެ. ށ. އަތޮޅުގެ 10 ރަށަކުން 10 ޓީމް ބައިވެރިވެފައިވާ ހޭންޑްބޯލް މުބާރާތް ފަށާނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.
މި ފިއެސްޓާގައި ހިމެނޭ ދެ މުބާރާތުގައި ބައިވެރިވި ޓީމްތައް މުބާރާތަށް ތައްޔާރުވުމަށް ށ. އަތޮޅު ކައުންސިލުން ވަނީ ޓީމަކަށް 3000 ރުފިޔާގެ މަގުން 77،000 ރުފިޔާ ހަދިޔާ ކޮށްފަ އެވެ.
މި މުބާރާތުގެ މެޗްތަކުގެ ކުޅިބަލަން ގިނަ ޢަދަދެއްގެ ބަޔަކު ޖަމާވެފައިވާއިރު، މިއަދު ކުޅެވުނު ފައިނަލް މެޗް ބަލަން ވެސް ގިނަ ބަޔަކު ދިޔައެވެ.
މިލައުތުރު ސްޕޯޓްސް ފިއެސްޓާގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ''ތިލަދުން'' އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!