ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނަށް ގޯނާކޮށް ފުރައްސާރަ ކުރާނަން: ލަތީފް

MP Latheef

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނަށް ގޯނާކޮށް، ޖެއްސުންކޮށް ފުރައްސާރަ އާއި މަލާމަތް ކުރަށްވާނެ ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަތީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން އަބުދުލްޤައްޔޫމް މިހާރު ބޮޑު ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ހަވީރު ވަނީ ހއ. ދިއްދޫ އަށް ވަޑައިގެންފަ އެވެ.

މި ދަތުރުފުޅުގެ ތެރެއިން މިރޭ ވަނީ ދިއްދޫ ގައި ޖަލްސާއެއް ބާއްވާފަ އެވެ. ''ދިއްދޫ ވެސް ޕީޕީއެމް'' ނަމުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނުވަނީ، އަންނަ ދައުރު ވެރިކަމަށް އިންތިޚާބުވެއްޖެނަމަ، ދައުރު ނިމުމުގެ ކުރިން ދިއްދޫ ފަޅު ހިއްކައިގެން އެރަށުގައި އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އެ ވާހަކައަށް އިޝާރާތް ކުރައްވާ އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ، އުފާވެރި ޒަމާނެއް ގެނެސްދީ މުޅިރާއްޖެ ތަރައްގީކޮށްދިނީ ރައީސް ޔާމީން ކަމަށާއި، ދިއްދޫ ރައްޔިތުން ހިތީ އައު ދައުރަކަށް އެ މަނިކުފާނު ހޮވަން ކެތް މަދުވެފަ ކަމަށެވެ. މިގޮތުން ދިއްދޫ ރައްޔިތުން ބޭނުންވާ ތަރައްގީގެ އެންމެ އުސް މިނަށް ގެންގޮސްދެއްވާނެ ކަމަށް ރައީސް ޔާމީން އެ ޖަލްސާގައި ވިދާޅުވެފައިވާތީ އެކަން ފާހަގަ ކުރައްވައި ވިދާޅުވީ، ދިއްދޫ އަށް މިހާރު އެންމެ ބޭނުންވަނީ އެއާޕޯޓެއް ކަމަށެވެ. އެއީ ހޯރަފުށީގައި ނުވަތަ ކުޅުދުއްފުށީގައި އެއާޕޯޓު އޮތުމުން ދަންނަވާ ވާހަކަ އެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ.

ލަތީފްގެ ވާހަކާގައި ވިދާޅުވީ، ރާއްޖޭގައި އިންޑިއާ ސިފައިން އެބަތިބި ކަމަށާއި، އެ މީހުން ބޭލުމަށް ހަރުއަޑުން ގޮވާނެ ކަމަށެވެ. އަދި އެ މީހުން ބާލާނެ ކަމަށާއި، އެމީހުން ރާއްޖޭގައި ތިބުމަށް ޤާނޫނުއަސާސީ ތަން ނުދޭކަމަށް ވެސް ވިދާޅުވިއެވެ.

''ބޮޑުތަކުރުފާނު ޖިހާދަށް ނުކުންނެވީ އޭރު އޮތް ސަރުކާރުން ހުއްދަ ދީގެންނެއްނޫން، އެހެންވީމަ މިދަންނަވަނީ ބޮޑުތިލަދުންމަތީގެ ރައްޔިތުން ޖިހާދަށް ނުކުންނާނީ އަމިއްލައަށް އިނގޭތޯ؟ ބޮޑުތަކުރުފާނު ކުރެއްވި ޖިހާދު ކުރައްވަން މިހާރުވެސް މި ބޮޑުތިލަދުންމަތީގެ ރައްޔިތުން ތިބީ ތައްޔާރަށް'' ލަތީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންޑިއާގެ އެންމެ ބޫޓު ކިބައެއް ވެސް އެރަށުގައި ނުހުންނާނެ ކަމަށާއި، އިންޑިއާ ސިފައިންނަށް އެކި ގޮތްގޮތުން ގޯނާކޮށް، ޖެއްސުމާއި އުނދަގޫ ކުރައްވާނެ ކަމަށެވެ.

''އެކިއެކި ގޯނާ ކުރާނަން އިނގޭތޯ، އެކިއެކި ޖެއްސުން ކުރާނަން އިނގޭތޯ، އެކިއެކި މަލާމާތާއި ފުރައްސާރަ ކުރާނަން، ކީއްވެގެންތޯ؟ އަޅުގަނޑުމެންގެ މިނިވަންކަން ގެއްލޭތީ، އަޅުގަނޑުމެން އަޅުވެތި ކުރާތީ، އެކަމުގެ ނުރުހުނުގައި މިދަންނަވަނީ އިންޑިއާ ސިފައިން ބާލާނަމޭ" ލަތީފް ވިދާޅުވިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި