ނިމިގެން ދިޔަ 2021/2022 ގެ ފުޓްބޯޅަ ސީޒަނުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް 'ފްރާންސް ފުޓްބޯލް؛ މަޖައްލާ އިން ދޭ ބެލޮންޑިއޯ އެވޯޑް ރެއާލް މެޑްރިޑުގެ ކެޕްޓަން ފްރާންސް ފޯވާޑް ކަރީމް ބެންޒެމާ ހޯދައިފި އެވެ.

މި އެވޯޑް 1998 ވަނަ އަހަރު ފްރާންސްގެ ޒައިނުއްދީން ޒިދާން ހޯދި ފަހުން، އެވޯޑް ކާމިޔާބުކުރި ފްރާންސްގެ އަދި މުސްލިމު ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދި ބެންޒެމާ އަށް ޓްރޮފީ ހަވާލުކޮށްދިނީ ވެސް، ޕެރިހުގައި އޮތް ހަފުލާގައި ޒިދާނެވެ.

Ad
rt

ނިމިދިޔަ ސީޒަންގައި ރެއާލްއަށް ލަލީގާ އަދި ޗެމްޕިއަންސްލީގު ކާމިޔާބު ކޮށްދިނުމުގައި މުހިތްމު ދައުރެއް އަދާކުރި ބެންޒެމާ ވަނީ 46 މެޗުން 44 ގޯލު ޖަހާފައެވެ.

ބެންޒެމާވަނީ މިދިޔަ ސީޒަންގައި ޔުއެފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

ދެވަނަ ހޯދީ މިދިޔަ ސީޒަނުގައި ލިވަޕޫލަށް ކުޅުނު ސެނެގާލްގެ ސަޑިއޯ މާނޭ އެވެ. އަދި ތިން ވަނަ ހޯދީ މެންޗެސްޓާ ސިޓީގެ ބެލްޖިއަމް ޕްލޭމޭކަރު ކެވިން ޑި ބްރޭނާ އެވެ.

ރޭގެ ހަފްލާގައި ފާހަގަ ކޮށްލެވޭ ބައެއް ވަނަތަށް އެންމެ މޮޅު އަންހެން ކުޅުންތެރިޔަކީ ބާސެލޯނާގެ އެލެކްސިއާ ޕުޓެލަސް އެވެ. 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ ( ކޮޕާ ޓްރޮފީ ) ހޯދީ ބާސާގެ މިޑްފީލްޑަރ ގަވީ އެވެ.

އެންމެ މޮޅު ގޯލްކީޕަރ (ޔެޝީން ޓްރޮފީ) ހޯދީ ރެއާލްގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ އެވެ އެންމެ މޮޅު ފޯވާޑު ( ގާޑް މުލާ ޓްރޮފީ) ހޯދީ މިދިޔަ ސީޒަނުގައި ބަޔާން މިއުނިކަށް ކުޅުނު ރޮބަޓް ލެވޮންޑޮސްކީ އެވެ. މިއީ އަލަށް ދޭންފެށި އެވޯޑެކެވެ. އެންމެ މޮޅު ޓީމަކަށް ހޮވުނީ ސިޓީއެވެ.

މީގެ އިތުރުން އިޖްތިމާއީ އިސްނެގުމަކަށް ދޭން ފްރާންސް ފުޓްބޯލް އިން އަލަށް ތައާރަފްކުރި ސޮކްރަޓީސް އެވޯޑް ހޯދީ މާނޭ އެވެ. މާނޭ އަކީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ނަމޫނާ ކުޅުންތެރިއެކެވެ.