ރާއްޖޭގެ ދެކުނުން އިގްތިސާދީ ސަރަހައްދުން ބައެއް، ފޯޅަވަހީގެ ސަރަހައްދުގެ ތެރޭގައި ހިމެނޭކަމަށް މޮރިޝަސް އިން ބުނާ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑު ބަދަލު ނުވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއުވާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފޯޅަވަހީގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާކަމަށް އިންޓެނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމި ނިންމުމާއި، މޮރިޝަސްއިން ފޯޅަވަހީގެ އިގްތިސާދީ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވާ ހިސާބު، ރާއްޖޭގެ އިގްތިސާދީ ސަރަހައްދާ ފުށުއަރާ މައްސަލައިގައި ގޮތެއް ނިންމުމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަމަށެވެ.
"ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނާނެކަމަށް އައިސީޖޭގެ އެޑްވައިޒަރީ އޮޕީނިއަން ނެރުމުން، އެކަމަށް އދގެ ގިނަ ޤައުމުތަކުން މިހާރު ވަނީ ތާއީދުކޮށްފައި" މިއުވާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޗާގޯސްގެ މައްޗަށް ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު އޮތްކަމަށް އެއްވެސް އިރެއްގައި ދިވެހިރާއްޖެއިން ދައުވާއެއް ނުކުރާ ކަމަށެވެ. އަދި މިމައްސަލައިގެ އިތުރު ތަފްސީލް، މައްސަލައިގެ އަޑުއެހުންތައް މިއަދު ނިމުމުން ބަންޑާރަ ނައިބުގެ އޮފީހުން ހާމަކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މޮރިޝަސްގެ މައްސަލައިގާ ރާއްޖޭގެ ސްޓޭންޑް ބަދަލެއް ނުވޭ: އޭޖީ
ޖަރުމަނުގައި ހުންނަ، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި މިހާރު ކުރިއަށް ދަނީ ރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭ މައްސަލައެއް ކަމަށް އެޓާނީ ޖެނެރަލް ގެ އޮފީހުން ވެސް ހޮނިހިރު ދުވަހު ވަނީ ވިދާޅުވެފަ އެވެ.
އޭޖީ އޮފީހުން ވިދާޅުވީ ބަދަލުވީ އދ. ގައި ނަގާ ވޯޓިންގގެ ސިޔާސަތު ކަމަށާއި ޗާގޮސް އިސްތިއުމާރުކޮށްގެން ތިބި، ތިބުމާ ދެކޮޅަށް އދ.ގައި ރާއްޖެއިން ވޯޓު ދޭނެ ކަމަށެވެ. އަދި މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވާފައި، އެކަން ރައީސް ސާލިހު ވިދާޅުވެފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!