އިހަވަންދޫން މިހާތަނަށް ފެންނަން ހުރި ތަރައްޤީއަކީ ކުރީގެ ރައީސް ޔާމީން އަބުދުލް ޤައްޔޫމްގެ ވެރިކަމުގެ ދައުރުގައި ކުރައްވާފައި ހުރިކަންކަން ކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް ވިދާޅުވެއްޖެ އެވެ.
ހއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި ޞަބާޙް މިހެން ވިދާޅުވީ، ރޭ އިދިކޮޅު ކޯލިޝަން އިހަވަންދޫގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ޔާމީނާއި، އިދިކޮޅު ލީޑާޝިޕްގެ އިސް ބައެއް ބޭފުޅުން ވެސް ބައިވެރިވި މި ޖަލްސާގައި ވާހަކަ ދައްކަވަމުން ޞަބާޙް ވިދާޅުވީ، އިހަވަންދޫން މިހާތަނަށް ފެންނަން ހުރި ތަރައްޤީއަކީ ކުރީގެ ރައީސް ޔާމީންގެ ދައުރުގައި ކުރައްވާފައިވާ ކަންކަން ކަމަށެވެ.
އެންމެ ބޮޑަށް އެރަށަށް ބޭނުންވެފައިވާ ގިނަ ކަންތައްތަކެއް އެ ފަސް އަހަރުކޮށް ދެއްވި ކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތުން ސްކޫލެއްގެ މަސައްކަތް ނިމި ބޭނުން ކުރެވެމުން އަންނަ ކަމަށާއި، ނަރުދަމާ ގާއިމު ކޮށްދެއްވިކަމަށް އޭނާ ވިދާޅުވިއެވެ.
ޞަބާޙް ވިދާޅުވީ، އިހަވަންދޫއަކީ ގިނަ އިގްތިސޯދީ ހަރަކާތްތައް ހިނގާ ވިޔަފާރިތައް ގިނަ މަސްވެރިރަށެއް ކަމަށެވެ.
''އޭރު ބެންކުގެ ޚިދުމަތް ހޯދުމަށް ރަށުން ބޭރަށް ކުޅުދުއްފުއްޓަށް ނުވަތަ ދިއްދޫއަށް ދާންޖެހިފަ އޮންނަނީ، އެކަން ނިމުމަކަށް ގެންނެވި ރައީސް އަކީ ރައީސް ޔާމީން'' ޞަބާޙް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އިހަވަންދޫ ސިއްހީ މަރުކަޒު ދެ ގުނައަށް ބޮޑުކުރެއްވި ކަމަށެވެ.
''އެ ބޭފުޅުން އަޅުގަނޑުމެންނަށް އެންމެ ގިނައިން ކިޔަނީ ސްކޭން މެޝިނެއްގެ ވާހަކަ، އަދި ވެސް ސިއްހީ މަރުކަޒުގައި ބޭނުން ކުރަނީ ހަމަ އެ ސްކޭން މެޝިން، އިތުރު އެއްވެސް ކަމެއް ސިއްހީ ނިޒާމް ހަރުދަނާ ކުރުމަށް މި ސަރުކާރަކުން ކުރެވިފައެއް ނެތް،'' ޞަބާޙް ވިދާޅުވިއެވެ.
ޞަބާޙް ވިދާޅުވީ، މި ސަރުކާރުން އަބަދުވެސް ދައްކަނީ ހޮސްޕިޓަލެއްގެ ވާހަކަ ކަމަށެވެ. އަދި ތިން އަހަރުގެ ތެރޭގައި ތިން ވައްތަރެއްގެ ކުރެހުމެއް ފެނިގެން ހިނގައްޖެ ކަމަށް ވިދާޅުވިއެވެ.
''ބިން އޮތީ ކައުންސިލުން ދައްކާފައި، ބިންގާ އެޅިތާ ތިން އަހަރު، ރައްޔިތުން ހެއްދުމަށްޓަކައި ކޮންމެ ފަހަރަކު އައު ކުރެހުމެއް، ބިޑަށް ވެސް ތިން ފަހަރު ލައިފި، އިހަވަންދޫ ރައްޔިތުން ސިއްހީ ފަރުވާއަށް އަދިވެސް ރަށުން ބޭރަށް ދާން ޖެހޭކަން ފާހަގަ ކޮށްލަން'' ޞަބާޙް އިތުރަށް ވިދާޅުވިއެވެ.
ރައީސް ސާލިޙް އިހަވަންދޫ އަށް 14 ވަޢުދެއް ވެވަޑައިގެންނެވި ކަމަށާއި، އޭގެ ތެރެއިން އެއްވެސް ކަމެއް ފުރިހަމަ ރައްޔިތުންނަށް މުޅިން އެއްކޮށް ޚިދުމަތް ލިބިފައެއް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެރަށުގެ ބަނދަރު މިހާރު އޮތްގޮތުން އޮޑިވެރިންނާއި، މަސްވެރިންނާއި އަދި ރައްޔިތުން ގިނަ ތަކްލީފްތަކެއް އުފުލަމުންދާއިރު، އެރަށުގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ ތެރެއިން ގެނެސްދެއްވާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވި ބަދަލު ގެންވާތަން ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޞަބާޙް ވިދާޅުވީ، އިހަވަންދޫއާއި ރާއްޖެއަށް ތަރައްޤީ ލިބެން އޮތީ އަނެއްކާވެސް ރައީސް ޔާމީން ވެރިކަމަށް އިންތިޚާބުކޮށްގެން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!