ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ '' ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022'' ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ކަށަވަރު ކުރުމަށް ކޮންމެ ގްރޫޕެއްގެ ދެވަނަ ހޯދި ޓީމްތަކުގެ މެދުގައި ކުޅޭ ޕްލޭއޮފް މެޗުތައް މިއަދު ފަށާފައިވާއިރު، ފުރަތަމަ މެޗު ނަރުދޫ ކާމިޔާބު ކޮށްފިއެވެ.

ޕްލޭއޮފް ފުރަތަމަ މެޗުގައި ގްރޫޕް އޭގެ ދެވަނަ ޓީމް ކަމުގައިވާ ނަރުދޫއާއި ގްރޫޕް ސީގެ ދެވަނަ ހޯދި ކޮމަންޑޫ މިއަދު ހަވީރު ޅައިމަގު ފުޓްސަލް ދަނޑުގައި ބައްދަލު ކޮށްފައިވާއިރު، މި މެޗު ނަރުދޫއިން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ނަރުދޫގެ އަހްމަދު އާތިފެވެ.

Ad
rt

ޕްލޭއޮފް ދެވަނަ މެޗުގައި މާދަމާ ބައްދަލު ކުރާނީ ޕްލޭއޮފް ފުރަތަމަ މެޗުން ބަލިވި ކޮމަންޑޫއާއި ގްރޫޕް ބީގެ ދެވަނަ ހޯދި ގޮއިދޫއެވެ. މި މެޗު މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައި ވަނީ ނަރުދޫ ފުޓްސަލް ދަނޑުގައެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.

މި ފިއެސްޓާގައި ފުޓްސަލް މުބާރާތުގެ އިތުރުން ށ. އަތޮޅުގެ އަންހެން ބޭފުޅުންނަށް ޚާއްސަކޮށްގެން ބާއްވާ މިލައުތުރު ހޭންޑްބޯލް މުބާރާތް ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ތާވަލު ކޮށްފައެވެ. ށ. އަތޮޅުގެ 10 ރަށަކުން 10 ޓީމް ބައިވެރިވެފައިވާ ހޭންޑްބޯލް މުބާރާތް ފަށާނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.

މިލައުތުރު ސްޕޯޓްސް ފިއެސްޓާގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ''ތިލަދުން'' އެވެ.