ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ '' ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022'' ފުޓްސަލް މުބާރާތުގެ ސެމީފައިނަލުގެ ފުރަތަމަ ޖާގަ ފުނަދޫއިން ކަށަވަރު ކޮށްފިއެވެ.
ފުނަދޫ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައި މިވަނީ ގްރޫޕް ސީގައި އެ ޓީމުން ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްގެންނެވެ. އިއްޔެ ގްރޫޕް ސީގައި ފުނަދޫ ބައްދަލު ކޮށްފައި ވަނީ ޅައިމަގާއެވެ. މި މެޗު 5-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ފުނަދޫންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ފުނަދޫ ޓީމްގެ ޖޯޒީ ނަމްބަރު 8، އިބްރާހީމް އައިޝަމްއެވެ. މި ގްރޫޕުގައި އިއްޔެ މާއުނގޫދޫއާއި ކޮމަންޑޫ ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ކޮމަންޑޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ކޮމަންޑޫގެ ޖޯޒީ ނަމްބަރު 32، ވިލްދާން އަހްމަދެވެ.
ގްރޫޕް ސީގެ މެޗުތައް އިއްޔެ ކުޅެ ނިމިފައިވާއިރު މި ގްރޫޕްގެ އެއްވަނައިގައި ފުނަދޫ އޮތީ ކުޅުނު ތިން މެޗުން ލިބުނު 9 ޕޮއިންޓާއި އެކުގައެވެ. ދެވަނަ ހޯދާފައި ވަނީ ކޮމަންޑޫއެވެ. އެ ޓީމަށް ތިން މެޗުން ލިބިފައި ވަނީ 6 ޕޮއިންޓެވެ. ތިންވަނާގައި 3 ޕޮއިންޓާއިއެކު ޅައިމަގު އޮތްއިރު ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައި އޮތީ މާއުނގޫދޫއެވެ.

ގްރޫޕް އޭގައި އިއްޔެ ހަވީރު ނަރުދޫގައި ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ މިލަންދޫއާއު މަރޮއްޓެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ މިލަންދޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މިލަންދޫ ޓީމްގެ ޖޯޒީ ނަމްބަރު 4، އަބްދުﷲ ނާސިފްއެވެ. މި ގްރޫޕުގައި އިއްޔެ ކުޅުނު ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފޯކައިދޫއާއި ފީވަކެވެ. މި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ފޯކައިދޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ފޯކައިދޫގެ ޖޯޒީ ނަމްބަރު 14، އަބްދުﷲ ފައްތާހުއެވެ.
މި ގްރޫޕްގެ އެއްވަނާގައި މިވަގުތު އޮތީ ކުޅުނު ތިން މެޗުން ލިބުނު 6 ޕޮއިންޓާއިއެކު މަރޮއްޓެވެ. ދެވަނާގައި ކުޅުނު ދެ މެޗުން ލިބުނު 6 ޕޮއިންޓާއިއެކު މިލަންދޫ އޮތްއިރު، ކުޅުނު ދެ މެޗުން ލިބުނު 6 ޕޮއިންޓާއިއެކު ތިންވަނާގައި އޮތީ ނަރުދޫއެވެ. ކުޅުނު ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ފޯކައިދޫ ގްރޫޕްގެ ހަތަރުވަނާގައި އޮތްއިރު ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮތީ ފީވަކެވެ.
ގްރޫޕް ބީގައި ފޭދޫގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ނޫމަރާއާއި ފޭދޫއެވެ. މި މެޗު 6-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ފޭދޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ފޭދޫގެ ޖޯޒީ ނަމަބަރު 14، އިސްމާއިލް ފަޒީންއެވެ. މި ގްރޫޕުގައި އިއްޔެ ކުޅުނު ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ގޮއިދޫއާއި ކަނޑިތީމެވެ. މި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ކަނޑިތީމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ކަނޑިތީމްގެ ޖޯޒީ ނަމްބަރު 80، މުޙައްމަދު ޝާންއެވެ.
މި ގްރޫޕްގެ އެއްވަނާގައި މިވަގުތު އޮތީ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކުރި ކަނޑިތީމެވެ. އެ ޓީމަށް ވަނީ 9 ޕޮއިންޓް ލިބިފައެވެ. ދެވަނާގައި ގޮއިދޫ އޮތީ ކުޅުނު ތިން މެޗުން ލިބުނު 6 ޕޮއިންޓާއި އެކުގައެވެ. ތިންވަނާގައި ކުޅުނު 2 މެޗުން ލިބުނު 3 ޕޮއިންޓާއިއެކު އޮތީ ފޭދޫއެވެ. ހަތަރުވަނާގައި އޮތް ބިލެއްފައްސަށާއި ފުލުގައި އޮތް ނޫމަރާއަށް މިހާތަނަށް ޕޮއިންޓެއް ހޯދިފައި ނުވެއެވެ.
މި މުބާރާތުގައި މިއަދު ވެސް ހަތަރު މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ގްރޫޕް އޭ
ފީވަށް – މިލަންދޫ 16:00 (ނަރުދޫ ފުޓްސަލް ދަނޑު)
މަރޮށި – ނަރުދޫ 17:00 (ނަރުދޫ ފުޓްސަލް ދަނޑު)
ގްރޫޕް ބީ
ގޮއިދޫ – ފޭދޫ 16:00 (ފޭދޫ ފުޓްސަލް ދަނޑު)
ބިލެއްފަހި – ނޫމަރާ 17:00 (ފޭދޫ ފުޓްސަލް ދަނޑު)
މި ފިއެސްޓާގައި ފުޓްސަލް މުބާރާތުގެ އިތުރުން ށ. އަތޮޅުގެ އަންހެން ބޭފުޅުންނަށް ޚާއްސަކޮށްގެން ބާއްވާ މިލައުތުރު ހޭންޑްބޯލް މުބާރާތް ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ތާވަލު ކޮށްފައެވެ. ށ. އަތޮޅުގެ 10 ރަށަކުން 10 ޓީމް ބައިވެރިވެފައިވާ ހޭންޑްބޯލް މުބާރާތް ފަށާނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.
މިލައުތުރު ސްޕޯޓްސް ފިއެސްޓާގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ''ތިލަދުން'' އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!