ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި އޭސީސީއާ ދެމެދު ގުޅިގެން މަސައްކަތްކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ސޮއިކުރެއްވީ ޕީޖީ ޙުސެއިން ޝަމީމެވެ. އޭސީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލެވެ.
މި ދެ މުއައްސަސާ ގެ ދެމެދުގައި އެހީތެރިކަން ބަދަލު ކުރުމަށް ވެވުނު މި އެއްބަސްވުމުގެ ދަށުން ދެ މުއައްސަސާގެ މައްޗަށް ޤާނޫނުއަސާސީއާއި ޤާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި، ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތައް ކަނޑައަޅައި، އެކަންކަމުގައި އެކުގައި މަސައްކަތްކުރެވިދާނެ ގޮތްތަކާމެދު އެއްބަސްވެވިފައިވާ ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.
މީގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމާއި، ފަންނީ އެހީތެރިކަން ދިނުން ހިމެނޭއިރު، އޭސީސީން ތަޙުޤީޤުކުރާ މައްސަލަތައް ޕީޖީ އޮފީހަށް ހުށަހެޅުމުގައި ޢަމަލުކުރާނެ ގޮތްތަކުގެ އިޖުރާއީ ތަރުތީބުތަކާއި، މައްސަލަތަކުގައި އަވަހަށް ގޮތް ނިންމުމާއި، ކޯޓަށް ހުށަހެޅޭ ކޮރަޕްޝަންގެ މައްސަލަތަކާގުޅޭ މަޢުލޫމާތު ވަކި ހަމައަކުން އޭސީސީއާ ޙިއްޞާކުރަމުންދިއުން ހިމެނޭ ކަމަށް ވެސް ޕީޖީ އޮފީހުން މަޢުލޫމާތު ދެއްވައެވެ.
ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤުކުރުމާއި، ދަޢުވާކުރުމުގެ ކަންކަން މިހާރުވެސް ކުރިއަށްދަނީ މި ޕީޖީ އޮފީހާއި، އޭސީސީ ގުޅިގެންނެވެ.
ތަޙުޤީޤު ކުރިއަށްދާ މައްސަލަތަކުގައި ޕީޖީ އޮފީހުގައި ޤާއިމުކޮށްފައިވާ ޑިއުޓީ ޕްރޮސިކިއުޝަން ނިޒާމުގެ ތެރެއިން މިހާރު ވެސް ތަޙުޤީޤަށް ބޭނުންވާ ލަފައާއި އިރުޝާރު ދެމުންން އަންނަ ކަމަށް ޕީޖީ އޮފީހުން ހާމަ ކުރަށްވައެވެ.
ޕީޖީ އޮފީހުން ވިދާޅުވީ، މިއަދު ވެވުނު އެއްބަސްވުމުގެ މަޤްޞަދަކީ މިކަން އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެ މަސައްކަތް ކުރުމަށް މަގުފަހިކުރުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!