ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާ ފަރުމާކުރުމުގެ ފުރުޞަތު ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.
ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 25 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް 5000 (ފަސްހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.
ކުޅުދުއްފުށީގެ އާންމު ސަރަހައްދެއްގައި ބެހެއްޓުމަށް ހަމަޖެހިފައިވާ މި ބިނާ ފަރުމާކުރުމުގައި ޝަހީދު ހުސައިން އާދަމްގެ ޖިހާދު ރަމްޒު ކޮށްދޭން ޖެހޭނެ ކަމަށާއި، ހުށަހަޅާ ފަރުމާއަކީ ބާޒާރުން ފަސޭހައިން ލިބެންހުންނަ އަދި ދިގު މުއްދަތަށް ހަލާކުނުވެ ހުންނަ މެޓީރިއަލް ބޭނުންކޮށްގެން ފަސޭހައިން ހެދޭފަދަ އެއްޗަކަށް ވާންވާނެ ކަމަށާއި އަދި ހުށަހެޅޭ ފަރުމާއަކީ އިސްލާމް ދީނަށާއި އާންމު އިޖުތިމާޢީ މިންގަނޑުތަކަށް ފެތޭ ބަލައިލަން ރީތި ފަރުމާއަކަށް ވާންވާނެ ކަމުގައި ސިޓީ ކައުންސިލުން މިކަމާއި ގުޅިގެން ކޮށްފައިވާ އިޢުލާނުގައި ވަނީ ވިދާޅުވެފައެވެ.
ޝަހީދު ހުސައިން އާދަމްގެ ބިނާ ފަރުމާ ކުރުމަށްފަހު، އެ ފަރުމާގެ ސޮފްޓްކޮޕީތައް (ކޮރަލްޑްރޯ ، އޮޓޯކެޑް ނުވަތަ ސްކެޗަޕް) ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މެއިލް ކުރެއްވުމަށް ސިޓީ ކައުންސިލުން އެދިލައްވައެވެ.
މެއިލް އެޑްރެސް: admin@kulhudhuffushicity.gov.mv
ހދ. ކުޅުދުއްފުށްޓަށް އުފަން ޒުވާން ދިވެހި ޤައުމީ ބަޠަލު ޝަހީދު ކޯޕްރަލް ޙުސައިން އާދަމަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާން ނާކާމިޔާބުކޮށްލި މައި އައްޑަނައެވެ. އެ ރޭ ފަތިހު ބަނޑޭރިގޭގެ ބޭރު ދޮރާށީގައި ހުޅަނގު ފަޅީގެ ޑިއުޓީއަށް ހުންނަވައި، ޤައުމަށްޓަކައި އުމުރުން އެންމެ 20 އަހަރުގައި ފުރާނައިން ޤުރުބާންވި ޒުވާނެކެވެ.
ހުސައިން އާދަމް އެދުވަހު ވެވަޑައިގެން ޤުރުބާނީގެ ސަބަބުން ދުޝްމަނުންނަށް ރާއްޖޭގެ ސިފައިންގެ ހިފުމަށް ރާވާފައިވާ ރޭވުން ނާކާމިޔާބު ކޮށްލެއްވިއެވެ. އެދުވަހު ދުޝްމަނުން ރާވާފައިއޮތީ ސިފައިންގެ ހިފުމަށްފަހު، ޤައުމު އަތްދަށަށް ގެނައުމަށެވެ. ނަމަވެސް އަތުގައި އޮތް 60 ވަޒަން ހުސްވެ ޝަޙީދުވަންދެން ހުސައިން އާދަމް ދުޝްމަނުންނާއި ހަމަލާ ބަދަލު ކުރެއްވުމުގެ ނަތީޖާއަކަށްވީ، ދުޝްމަނުންގެ ރޭވުން ނާކާމިޔާބުވެ، ސިފައިންގެ ހިފުމުގެ ފުރުޞަތު ގެއްލިގެން ދިޔުމެވެ.
ރާއްޖޭގެ ފުލުހުންގެ މައި އިދާރާ ''ޝަހީދު ޙުސައިން އާދަމް ބިލްޑިންގް'' އަކީ އެބަޠަލަށް ނިސްބަތްކޮށް ސަރުކާރުން ކުރަށްވާފައިވާ ބިނާއެކެވެ. އަދި އެ ބަޠަލުގެ ޖިހާދުގެ އަގުވަޒަން ކުރުމުގެގޮތުން ސަރުކާރުންވަނީ ޑަބަލް ޕްރޮމޯޝަން ދެއްވައި ކޯޕްރަލަކަށް ޕްރޮމޯޓު ކުރައްވައިފައެވެ. ހަމައެޔާއިއެކު އެ ބަޠަލުގެ މަތިވެރި ޤުރުބާނީއަށްޓަކައި ސަރުކާރުންވަނީ ހުރަވީ ރަންމެޑަލް، ޖިހާދުގެ ރަންމެޑެލް އަދި ނޮވެމްބަރު 3 ގެ މެޑެލް ވެސް އެބަޠަލުގެ ހަނދާނަށް އަރުވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!