ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ '' ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022'' ގެ ދެވަނަ ދުވަހުގެ މެޗުތައް ނަރުދޫ، މަރޮށި، ގޮއިދޫ، ކަނޑިތީމް، ފުނަދޫ އަދި ޅައިމަގުން ކާމިޔާބު ކޮށްފިއެވެ.
މި މުބާރާތް ތިން ގްރޫޕަކަށް ބަހާލައިގެން ތިން ގްރޫޕްގެ މެޗުތައް ތިން ރަށުގައި ކުޅެމުން އަންނައިރު، ގްރޫޕް އޭ ގެ މެޗުތައް ކުޅެމުން އަންނަނީ ނަރުދޫގައެވެ. ގްރޫޕް އޭގައި އިއްޔެ ފޯކައިދޫއާއި ނަރުދޫ ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ނަރުދޫއެވެ. މި ގްރޫޕްގައި އިއްޔެ ކުޅުނު ދެވަނަ މެޗުގައި މަރޮށީ ފުޓްސަލް ޓީމުން ވަނީ 3-0 ގެ ނަތީޖާއިން ފީވަކުގެ މައްޗަށް ކުރި ހޯދާފައެވެ.
ގްރޫޕް ބީގެ މެޗުތައް ފޭދޫގައު ކުޅެމުން އަންނައިރު، މި ގްރޫޕުގައި ވެސް އިއްޔެ ހަވީރު ވަނީ ދެމެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި ގޮއިދޫއިން ވަނީ 4-2 ގެ ނަތީޖާއަކުން ބިލެއްފަހީގެ މައްޗަށް ކުރި ހޯދާފައެވެ. ދެވަނަ މެޗުގައި ކަނޑިތީމުން ވަނީ 3-2 ގެ ނަތީޖާއަކުން ފޭދޫގެ މައްޗަށް ކުރި ހޯދާފައެވެ.

ގްރޫޕް ސީގެ މެޗުތައް ޅައިމަގުގައި ކުޅެމުން އަންނައިރު، އިއްޔެ ވަނީ މި ގްރޫޕުގައި ވެސް ދެ މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި ފުނަދޫން ވަނީ 3-2 ގެ ނަތީޖާއިން ކޮމަންޑޫގެ މައްޗަށް ކުރި ހޯދާފައެވެ. ދެވަނަ މެޗުގައި ޅައިމަގުން ވަނީ 3-0 ގެ ނަތީޖާއުން މާއުނގޫދޫ ބަލިކޮށްފައެވެ.
މިއަދު ހަވީރު މި މުބާރާތުގެ ކޮނެމެ ގްރޫޕެއްގައި ދެ މެޗު ކުޅޭނެއެވެ. ގްރޫޕް އޭގެ ފުރަތަމަ މެޗުގައި ފީވަކާއި ނަރުދޫ ބައްދަލުކުރާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ ފޯކައިދޫއާއި މިލަންދޫއެވެ. ގްރޫޕް ބީގެ މިއަދުގެ ފުރަތަމަ މެޗުގައި ބިލެއްފައްސާއި ކަނޑިތީމް ބައްދަލުކުރާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ ގޮއިދޫއާއި ނޫމަރާއެވެ. ގްރޫޕް ސީގެ ފުރަތަމަ މެޗުގައި ޅައިމަގާއި ކޮމަންޑޫ ބައްދަލުކުރާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ ފުނަދޫއާއި މާއުނގޫދޫއެވެ.

މި ފިއެސްޓާގައި ފުޓްސަލް މުބާރާތުގެ އިތުރުން ށ. އަތޮޅުގެ އަންހެން ބޭފުޅުންނަށް ޚާއްސަކޮށްގެން ބާއްވާ މިލައުތުރު ހޭންޑްބޯލް މުބާރާތް ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ތާވަލު ކޮށްފައެވެ. ށ. އަތޮޅުގެ 10 ރަށަކުން 10 ޓީމް ބައިވެރިވެފައިވާ ހޭންޑްބޯލް މުބާރާތް ފަށާނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.
މިލައުތުރު ސްޕޯޓްސް ފިއެސްޓާގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ''ތިލަދުން'' އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!