ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ '' ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022'' ގެ ފުޓްސަލް މުބާރާތް މިއަދު ފަށައިފިއެވެ.
ކުލަގަދަ ހަރަކާތްތަކަކާއިއެކު މިއަދު ހަވީރު ށ. ނަރުދޫގައި މި މުބާރާތް ފަށާފައިވާއިރު، މުބާރާތް ފެށުމުގެ ރަސްމިއްޔާތަށް ދިވެހިރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ ނަރުދޫއަށް ވަޑައިގެން މެޗު ޝަރަފްވެރި ކޮށްދެއްވާފައެވެ.
މިނިސްޓަރު ނަރުދޫއަށް ވަޑައިގަތުމުން އެ ރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ނަރުދޫ ފުޓްސަލް ދަނޑުގައި ބައްދަލު ކޮށްފައި ވަނީ ފޯކައިދޫ ފުޓްސަލް ޓީމާއި މަރޮށީ ފުޓްސަލް ޓީމެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ މަރޮށީ ފުޓްސަލް ޓީމެވެ. މެޗުގައި މަރޮށީ ޓީމަށް ދެ ލަނޑު ވެސް ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 10، އިބްރާހީމް ނިޔާޒެވެ. މެޗުގައި ފޯކައިދޫ ޓީމަށް ލަނޑު ޖަހައިދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 7، އަބްދުﷲ މާލިކެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މަރޮށި ޓީމްގެ އިބްރާހީމް ނިޔާޒެވެ.

މި މުބާރާތުގައި ށ. އަތޮޅުގެ 14 ރަށަކުން 14 ޓީމް ބައިވެރިވެފައި ވާއިރު މުބާރާތް ކުރިއަށް ގެންދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގެ މެޗުތައް ނަރުދޫފައު ކުޅޭއިރު، މި ގްރޫޕުގައި ހިމެނެނީ ފޯކައިދޫ، މަރޮށި، ފީވަށް، މިލަންދޫ އަދި ނަރުދޫއެވެ. ގްރޫޕް ބީގެ މެޗުތައް ފޭދޫގައި ކުޅޭއިރު، މި ގްރޫޕުގައި ހިމެނެނީ ގޮއިދޫ، ނޫމަރާ، ބިލެއްފަހި، ކަނޑިތީމް އަދި ފޭދޫއެވެ. ގްރޫޕް ސީގެ މެޗުތައް ޅައިމަގުގައި ކުޅޭއިރު، މި ގްރޫޕުގައި ހިމެނެނީ މާއުނގޫދޫ، ކޮމަންޑޫ، ޅައިމަގު އަދި ފުނަދޫއެވެ.

މި މުބާރާތުގައި މާދަމާ ހަ މެޗު ކުޅޭނެއެވެ. ގްރޫޕް އޭގައި މާދަމާ ހަވީރު ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ނަރުދޫއާއި ފޯކައިދޫއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ މަރޮއްޓާއި ފީވަކެވެ. ގްރޫޕް ބީގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ފޭދޫ ފުޓްސަލް ދަނޑުގައި ބައްދަލުކުރާނީ ގޮއިދޫއާއި ބިލެއްފައްސެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ކަނޑިތީމާއި ފޭދޫއެވެ. ގްރޫޕް ސީގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ޅައިމަގު ފުޓްސަލް ދަނޑުގައި ބައްދަލުކުރާނީ ކޮމަންޑޫއާއި ފުނަދޫއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ މާއުނގޫދޫއާއި ޅައިމަގެވެ.
މި ފިއެސްޓާގައި ފުޓްސަލް މުބާރާތުގެ އިތުރުން ށ. އަތޮޅުގެ އަންހެން ބޭފުޅުންނަށް ޚާއްސަކޮށްގެން ބާއްވާ މިލައުތުރު ހޭންޑްބޯލް މުބާރާތް ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ތާވަލު ކޮށްފައެވެ. ށ. އަތޮޅުގެ 10 ރަށަކުން 10 ޓީމް ބައިވެރިވެފައިވާ ހޭންޑްބޯލް މުބާރާތް ފަށާނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.
މި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ''ތިލަދުން'' އެވެ.
ފޮޓޯ: މިލައުތުރު ސްޕޯޓްސް ފިއެސްޓާ ފެށުމުގެ ރަސްމިއްޔާތު
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!