ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުގެ އެއްވަނަ ވެޓްރެންސް ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގައި ރަޖިސްޓަރީ ކޮށްފައިވާ ދިއްދޫގެ ކުލަބް ޖަމިއްޔާތަކަށެވެ.

Ad
rt

އެ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ދިއްދޫގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުލަބް ޖަމިއްޔާތަކާއި ދިއްދޫގެ ހަރު އުމުރުފުރާގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައި ވަންތަކަން އާލާކޮށް، އިޖިތިމާއީ ގުޅުން ބަދަހިކޮށް ކުޅިވަރުގެ ރޫހު އާލާ ކުރުމެވެ. އަދި ދިއްދޫގައި ފުޓްބޯޅައިގެ ހުނަރު ކުރިއަރުވައި ދުޅަހެޔޮ އާދަތައް ދަސްކޮށްދިނުމެވެ.

މި މުބާރާތުގައި ބައިވެރުވާން އެދޭ ފަރާތްތަކުން ޓީމް ރަޖިސްޓްރީ ކުރާ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު މި މަހުގެ 16 ވަނަ ދުވަހުގެ 13:00 ގެ ކުރިން އަދި މުބާރާތުގައި ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓްރީ ކުރާ ފޯމް މި މަހުގެ 23 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހުށަހެޅުއްވުމަށް އެ ކައުންސިލުން އެދިލއްވައެވެ. މުބާރާތުގެ ގަވައިދާއި އެންމެހާ ފޯމްތައް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ރަސްމީ ގަޑީގައި އެ ކައުންސިލުންނެވެ.

މި މަހުގެ 25 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 7000 (ހަތްހާސް ރުފިޔާ)، ރަނަރަޕް ޓީމަށް 4000 (ހަތަރުހާސް ރުފިޔާ) އަދި ފެއާޕްލޭ ޓީމަށް 1000 (އެއްހާސް ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ކުޅުމަށް ހަމަޖެހިފައި ވަނީ ދިއްދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.