ހދ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ''ހދ. އަތޮޅު ޤުރްއާން މުބާރާތް 2022'' އިއްޔެ ފަށައިފިއެވެ.

ނޮޅިވަރަމްގައި ކުރިއަށްދާ މި މުބާރާތުގައި ހދ. އަތޮޅުގެ 12 ރަށުން 130 ދަރިވަރުން ވާދަކުރާ ކަމަށް އަތޮޅު ކައުންސިލުން ވިދާޅުވެ އެވެ.

Ad
rt

މި 130 ބައިވެރިންގެ ތެރޭގައި ހިމެނީ، ބަލައިގެން ކިޔެވުމުގެ ގޮފީގައި ބައިވެރިވި 95 ދަރިވަރުން އަދި ނުބަލާ ކިޔެވުމުގެ ގޮފީގައި ބައިވެރިވި 35 ދަރިވަރުން ނެވެ.

މި މުބާރާތް ކުރިއަށް ދާނީ މި އޮކްޓޫބަރު މަހުގެ 6 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ ނިޔަލަށެވެ.

މުބާރާތުގެ ދެވަނަ ދަންފަޅީގައި ދަރިވަރަކު ކިޔަވަނީ، ފޮޓޯ: ހދ. އަތޮޅު ކައުންސިލް

މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮތްޕާއި، ނުބަލާ ކިޔެވުމުގެ ގޮފި ހިމެނޭގޮތަށް، މިއަހަރުގެ މުބާރާތް ބަހާލާފައިވަނީ ޖުމްލަ 6 ޢުމުރު ފުރާއަކަށެވެ. އެއީ 6 އަހަރުން ދަށް، 9 އަހަރުން ދަށް، 12 އަހަރުން ދަށް، 15 އަހަރުން ދަށް، 18 އަހަރުން ދަށް އަދި 18 އަހަރުން މަތީގެ ޢުމުރު ފުރާއެވެ.

މިމުބާރާތަކީ، އަތޮޅުގެ ރައްޔިތުންގެ މެދުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމުގެ މަޤްސަދުގައި ކޮންމެ އަހަރަކު އަތޮޅު ކައުންސިލުން ބާއްވާ މުބާރާތެކެވެ.
ކޯވިޑް-19 ގެ ހާލަތާ ގުޅިގެން މިދިޔަ އަހަރު މިމުބާރާތް ބޭއްވިފައި ނުވާއިރު، ހދ. އަތޮޅު ޤުރުއާން މުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ 2019 އޭޕްރީލް 18 އިން 20 އަށް ހދ. ނެއްލައިދޫގައެވެ. މިމުބާރާތުގައި އަތޮޅުގެ 11 ރަށަކުން 132 ބައިވެރިން ވާދަކޮށްފައި ވެއެވެ. މި މުބާރާތުގެ އެއްވަނަ ހޯދާފައިވަނީ ހދ. ނޮޅިވަރަމުންނެވެ.