ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ''މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022'' ބާއްވާ ތިން ރަށުން މުބާރާތަށް ވެފައިވާ ތައްޔާރީތައް ބެލުމަށް އަތޮޅު ކައުންސިލްގެ ފަރާތުން ދަތުރެއްކޮށްފިއެވެ.

ށ. އަތޮޅުގެ ރަށްރަށަށް ހުޅުވާލައިގެން ބާއްވާ މި ފިއެސްޓާގެ މުބާރާތްތަކުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ތިން ގުރޫޕަކަށް ބަހާލައިގެން، ތިން ރަށެއްގަ އެވެ. އެއީ ފޭދޫ، ނަރުދޫ އަދި ޅައިމަގު ގައެވެ. ށ. އަތޮޅު ކައުންސިލުން ވިދާޅުވީ، މި ރަށްތައް ހަމަޖައްސާފައިވަނީ ދަތުރުފަތުރާއި އެހެނިހެން ގޮތްގޮތުން ބެލުމަށްފަހު ކަމަށެވެ.

Ad
rt

މި ފިއެސްޓާ ބާއްވާ ތިން ރަށުގައި މިހާތަނަށް ވެފައިވާ ތައްޔާރީތައް ބެލުމަށް ށ. އަތޮޅު ކައުންސިލުން މިއަދު ކުރި ދަތުރުގައި އެންމެ އިސްކޮށް ހުންނެވީ، ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) އެވެ. މި ދަތުރާގުޅޭ ގޮތުން ޝިޔާމް "ތިލަދުން" އަށް ވިދާޅުވީ، މި ދަތުރަކީ މުބާރާތް ހޯސްޓްކޮށްފައިވާ ތިން ރަށުން ވެފައިވާ ތައްޔާރީތައް ބަލައިލަން ކުރި ދަތުރެއް ކަމަށެވެ.

މުބާރާތަށް ނަރުދޫ ތައްޔާރުވެފައި، ފޮޓޯ: ށ. އަތޮޅު ކައުންސިލް

''އަޅުގަނޑުމެންގެ ދަތުރަކީ އެ ރަށްތަކުން ވެފައިވާ އިންތިޒާމުތައް ބަލައިލުން، މުބާރާތުގައި ބައިވެރިވާ ޓީމްތަކަށާއި، އޮފިޝަލުންނަށް ހަމަޖެހެންޖެހޭ ކަންކަމާއި، ސެކިއުރީގެ ކަންކަމާއި، އަދި މި ނޫންވެސް މުބާރާތާއި ގުޅިގެން ބަލަންޖެހޭ ކަންކަން މިއަދުގެ ދަތުރުގައި ވަޒަން ކުރެވުނު، އަދި އެކަންކަމާގުޅިގެން އަޅުގަނޑުމެން ދޭން ޖެހޭ އިރުޝާދުތައް ވެސް ދިނިން'' ޝިޔާމް ވިދާޅުވިއެވެ.

މި ފިއެސްޓާ ފެށުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ ހޮނިހިރު ދުވަހު ނަރުދޫގައެވެ. މި ރަސްމިއްޔާތަށާއި، ނަރުދޫގައި ކުޅެވޭ މެޗްތަކަށް އެރަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަން އަތޮޅު ކައުންސިލުން ފާހަގަ ކުރެއްވިއެވެ. އަދި އަނެއް ދެ ރަށް ވެސް ތައްޔާރުވެފައިވާކަން ފާހަގަ ކުރެއްވިއެވެ.

މި ފިއެސްޓާގައި ދެ މުބާރާތެއް ކުރިއަށް ދާނެއެވެ. އެއީ ށ. އަތޮޅުގެ އަންހެން ބޭފުޅުންނަށް ޚާއްސަކޮށްގެން ބާއްވާ މިލައުތުރު ހޭންޑްބޯލް މުބާރާތާއި، ފިރިހެން ބޭފުޅުންނަށް ޚާއްސަކޮށް ބާއްވާ ފުޓްސަލް މުބާރާތެވެ.

ފުޓްޝަލް މުބާރާތް ފަށަން ހަމަޖެހިފައިވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. މި މުބާރާތުގައި ށ. އަތޮޅުގެ 14 ރަށުން 14 ޓީމް ވަނީ ބައިވެރިވެފައެވެ. މި ފިއެސްޓާ ފައްޓަވައިދެއްވުމަށް ޝަރަފްވެރި މެޚްމާނެއްގެ ގޮތުން ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބުދުﷲ މައުސޫމް ކަމަށް ށ. އަތޮޅު ކައުންސިލުން މައުލޫމާތު ދެއްވައެވެ.

ށ. އަތޮޅުގެ 10 ރަށަކުން 10 ޓީމް ބައިވެރިވެފައިވާ ހޭންޑްބޯލް މުބާރާތް ފަށާނީ މިމަހުގެ 21 ގައެވެ.

މި މުބާރާތަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރޭ މުނާސަބަތާ ގުޅުވައިގެން، މިނިސްޓްރީ އޮފް ޓޫރިޒަމްގެ އެހީތެރި ކަމާއެކު ބާއްވާ މުބާރާތެއް ކަމަށް ށ. އަތޮޅު ކައުންސިލުން މައުލޫމާތު ދެއްވައެވެ.

މި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ''ތިލަދުން'' އެވެ.