ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ޓާޝިއަރީ ފެންވަރަށް ބަދަލުކުރުމަށް 2020 ވަނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓުގައި 50667387 ރުފިޔާ (ފަންސާސް މިލިއަން ހަލައްކަ ފަސްދޮޅަސް ހަތްހާސް ތިންސަތޭކަ އަށްޑިހަ ހަތް ރުފިޔާ) ހިމަނައިފިއެވެ.
މިހާތަނަށް ސިއްހީ ދާއިރާގެ އެންމެ ބޮޑު ބަޖެޓެއް ހިމެނިފައި މިވަނީ 2020 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައެވެ. އެގޮތުން ބަޖެޓުގެ 4.1 ބިލިއަން ރުފިޔާ އަކީ ސިއްޙީ ދާއިރާ ގެ ކަންކަމަށް ޚަރަދު ކުރުމަށް ކަނޑައަޅާފައިވާ އަދަދެވެ. އެގޮތުން 90 މިލިއަން ރުފިޔާ ތިނަދޫ ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ބަދަލު ކުރުމަށް ބަޖެޓުގައި ހިމަނާފައިވެއެވެ.
އެކި ރަށްރަށުގައި ސިއްޙީ ހިދުމަތްދޭ ތަންތަން އިތުރަށް ތަރައްގީކޮށް ހިދުމަތް ފުޅާ ކުރުމަށް 184 މިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނާފައެވެ. ބަޖެޓު ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ ފަސް ސަރަހައްދުގައި ތަރައްގީކުރާ ޓާޝަރީ ހޮސްޕިޓަލުތަކާއެކު ސިއްހީ ދާއިރާ އިތުރަށް ހަރުދަނާވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރަނގަޅު ފެންވަރުގެ ބޭސްފަރުވާގެ ހިދުމަތް ލިބެން ފަށާނެ ކަމަށެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ހއ، ހދ އަދި ށ އަތޮޅުގެ ގިނަ ރައްޔިތުން ތަކެއް ކޮންމެ ދުވަހަކުވެސް ހިދުމަތް ހޯދުމަށް އަންނަ ހޮސްޕިޓަލެކެވެ. ގާތްގަނޑަކަށް ކޮންމެ ދުވަހަކު 300 މީހުން ޑޮކްޓަރަށް ދެއްކުމަށް ކުޅުދުއްފުށީ ހޮސްޕިޓަލަށް އާދައެވެ.
ރާއްޖޭގެ ފަސް ސަރަހައްދެއްގައި ރީޖަނަލް ހޮސްޕިޓަލުތައް ޓާޝިއަރީ ފެންވަރަށް ތަރައްޤީ ކުރުމަކީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!