ގއ. ނިލަންދޫ އާއި ގއ. ދާންދޫގައި ސަރުކާރުން ތަރައްޤީކުރި އައުޓްޑޯ ވޮލީކޯޓު، ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް މިނިސްޓަރ އަހްމަދު މަހްލޫފް ރަސްމީކޮށް ހުޅުވައިދެއްވައިފި އެވެ.

މި ދެރަށުގެ އައުޓްޑޯ ވޮލީކޯޓުތައް ހުޅުވާފައިވަނީ މިނިސްޓަރ މަހްލޫފު، ގއ. އަތޮޅަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގަ އެވެ.

Ad
rt

ދާންދޫ ވޮލީ ކޯޓު ހުޅުވުމުގެ ގޮތުން ޚާއްސަ ވޮލީ މެޗެއް ކުޅެފައިވާއިރު، މި މެޗުގައި މިނިސްޓަރ މަޙްލޫފް އާއި ދާންދޫ ދާއިރާގެ މެމްބަރު ޔަޢުޤޫބް ޢަބްދު الله ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ނިލަންދޫ ކައުންސިލް މެމްބަރުންނާއި ޒުވާނުންނާއި ބައްދަލުކުރައްވާފައި ޒުވާނުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވާ، މިނިސްޓަރ މަހްލޫފް ވިދާޅުވީ އެންމެ އަވަހަށް ހައްލުކޮށްދެވެން ހުރި ކަންކަން ހައްލުކޮށްދެއްވާނެ ކަމަށެވެ.

ދާންދޫ އައުޓްޑޯ ވޮލީކޯޓު ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު، އެރަށުގައި ވެސް ޚާއްސަ ވޮލީ މެޗެއް ވަނީ ބާއްވާފަ އެވެ. އެ މެޗުގައި މިނިސްޓަރ މަޙްލޫފް އާއި ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙުމަދު ފުޢާދު އަދި ދާންދޫ ދާއިރާގެ މެމްބަރު ޔަޢުޤޫބް ޢަބްދު الله ބައިވެރިވެވަޑައިގެންނެވި އެވެ.

މިނިސްޓަރ މަހްލޫފުގެ މި ދަތުރުފުޅުގައި ދާންދޫގައި ތަރައްޤީކުރި އައުޓްޑޯ ޖިމް ރަސްމީކޮށް ހުޅުއްވާދެއްވާ، ރަށު ކައުންސިލް މެންބަރުންނާއި ޒުވާނުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ދާންދޫގެ އިތުރުން ދެން ވަޑައިގަންނަވާނީ އެ އަތޮޅު ވިލިނގިއްޔަށާއި މާމެންދޫ އަށެވެ.