ކުރިޕްޓޯ.ކޮމް އިން ރިފަންޑުގެ ގޮތުގައި 100 ޑޮލަރު ފޮނުވަންޖެހޭ ކަސްޓަމަރަކަށް 10.5 މިލިއަން އޮސްޓްރޭލިއަން ޑޮލަރު ފޮނުވިއްޖެ އެވެ.
މިއީ ޔޫއެސް ޑޮލަރުން ބަލާނަމަ 7.2 މިލިއަން އެވެ. ދިވެހި ރުފިޔާއިން ބަލާނަމަ އެއްސަތޭކަ އެގާރަ މިލިއަން ދެ ލައްކަ ސާޅިސް ހާސް ރުފިޔާ އެވެ.
ކްރިޕްޓޯ.ކޮމް އަށް އޮޅިގެން މިހާބޮޑު އަދަދެއް ފޮނުވިފައިވަނީ އޮސްޓްރޭލިއާގެ މެލްބަންގައި ދިރިއުޅޭ އަންހެނަކަށެވެ. އެ ފައިސާ އަންހެން މީހާއަށް ޓްރާންސްފާ ކުރެވިފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހު ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި އެ ފައިސާ ފޮނުވިފައިވާކަން އެކުންފުންޏަށް އެނގުނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ކުރި އޮޑިޓެއްގެ ތެރެއިންނެވެ.
ބޭރުގެ ބައެއް މީޑިއާ ތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކުރިޕްޓޯ.ކޮމް އިން މިހާ ބޮޑު އަދަދެއް އޮޅިގެން ރިފަންޑު ކުރެވުނީ، ފައިސާގެ އަދަދު ޖަހަންޖެހޭ ގޮޅީގައި އެކައުންޓް ނަންބަރު ޖެހިގެންކަމަށް ބުނެފައިވެއެވެ.
އެކުންފުނިން ވަނީ އެކިގޮތްގޮތުން މިފައިސާ ހޯދުމަށް އެ އަންހެން މީހާއާއި މުޢާމަލާތްކޮށްފަ އެވެ. ނަމަވެސް އެފަރާތުން މިކަމަށް އެއްވެސް ސަމާލުކަމެއް ދީފައެއް ނުވެއެވެ. އެ ފައިސާ ނުލިބިގެން އިޝްތިހާރެއް މެދުވެރިކޮށް އެ ފައިސާ އަނބުރާ ދިނުމަށް އާދޭހާއި އެކު އެދިފައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ފައިސާ އަނބުރާ ހޯދަން ކުންފުނިން މަސައްކަތް ފެށި އިރު އެ އަންހެން މީހާގެ ދައްތަގެ ނަމުގައި ވަނީ އެ ފައިސާގެ ތެރެއިން 1.35 މިލިއަން އޮސްޓްރޭލިއާ ޑޮލަރު ހަރަދުކޮށްގެން ފަސް ކޮޓަރީގެ ގެއެއް ގަނެފައި އެވެ. މި ގެ ގަނެފައިވަނީ މެލްބަންއިންނެވެ.
އެ ފައިސާ ހޯދުމަށް ކުންފުނިން ވަނީ މީގެ ކުރިންވެސް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. މީގެ ކުރިން ކޯޓުން ވަނީ ދައްތަގެ ނަމުގައި ގަތް ގެ ވިއްކާލުމަށް ފަހު އެފައިސާ އަނބުރާ ކުރިޕްޓޯ.ކޮމްއަށް ދިނުމަށް އަންގާފަ އެވެ.
ނަމަވެސް، އެ އެންގުމާއި އެއްގޮތަށް އަމަލު ކޮށްފައި ނުވާތީ، އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓްގެ ސުޕްރީމް ކޯޓަށް ވަނީ މައްސަލަ ވައްދާފަ އެވެ. މިމަހު އެމައްސަލައިގެ އަޑުއެހުމެއްވަނީ ތާވަލު ކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!