ކުޅުދުއްފުށީ ކުލަބް ކޮރަލްސްގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ " ފާރޮށި އިންޓައޮފީސް ކޮރަލްސް ފުޓްބޯލް ޓޯނަމަންޓް 2022" ގެ ޗެމްޕިއަންކަން ކުޅުދުއްފުށި ސިޓީ ޕޮލިސް (ކޭސީޕީ) އިން ކާމިޔާބު ކޮށްފިއެވެ.

އިއްޔެ ހަވީރު ކޮރަލްސް ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ކުލަބް ކޭސީޕީއާއި ކުލަބް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އެވެ. މި މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައި ވަނީ ކޭސީޕީއެވެ.

Ad
rt

މެޗުގެ ފުރަތަމަ ލަނޑު ޖަހާފައި ވަނީ ކޭސީޕީންނެވެ. މި ލަނޑު 4 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ސަމްދޫހް މުޙައްމަދެވެ. ނަމަވެސް މެޗުގެ 16 ވަނަ މިނެޓުގައި ސީކޭއާރުއެޗްގެ މުޙައްމަދު ނަޝީދުވަނީ ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މެޗުގައި ދެވަނަ ފަހަރަށް ކޭސީޕީއަށް ލީޑު ލިބިފައި ވަނީ 47 ވަނަ މިނެޓުގައ ސީކޭއާރުއެޗްގެ އަލީ ރިޒާގެ އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ. ކޭސީޕީގެ ތިންވަނަ ލަނޑު 73 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އިބްރާހީމް ވަހީދެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާއަށް ވެސް ހޮވިފައި ވަނީ އޭނާއެވެ.

މެޗުގައި ކޭސީޕީގެ ހަތަރުވަނަ ލަނޑު 89 ވަނަ މިނެޓުގައި އާސިފް ސަލީމް ކާމިޔާބު ކޮށްދީފައިވާއިރު، ސީކޭއާރުއެޗްގެ ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބު ކޮށްދީފައި ވަނީ މުޙައްމަދު ނަދީމެވެ.

ފައިނަލް މެޗު ނިމުމުން ވަނީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައި ވަނަތަކަށް ހޮވުނު ފަރާތްތަކަށް ޓްރޮފީއާއި މެޑަލް ހަވާލު ކޮށްފައެވެ.

މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައި ވަނީ ރީޖަނަލް އެއާޕޯޓް ޓީމެވެ. މުބާރާތުގެ ޓޮޕް ސްކޯރާއަށް ދެ ކުޅުންތެރިއަކު ހޮވިފައިވެއެވެ. އެއީ ކޭސީޕީގެ ޖޯޒީ ނަމްބަރު 11، އާސިފް ސަލީމާއި، ސީކޭއާރުއެޗްގެ ޖޯޒީ ނަމްބަރ 8، މުޙައްމަދު ނަޝީދެވެ. މި ކޮންމެ ކުޅުންތެރިއަކު ވަނީ ތިން ލަނޑު ޖަހާފައެވެ.

މުބާރާތުގެ އެންމެ މޮޅު ކީޕަރުގެ މަޤާމަށް ސީކޭއާރުއެޗްގެ ޖޯޒީ ނަމްބަރު 20، މާހީ އަބްދުﷲ ހޮވިފައިވާއިރު، އެންމެ މޮޅު ޑިފެންޑަރަކަށް ހޮވިފައި ވަނީ ކޭސީޕީގެ ޖޯޒީ ނަމްބަރު 8، އަޙްމަދު މުޙައްމަދެވެ. އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވިފައި ވަނީ ސީކޭއާރުއެޗްގެ ޖޯޒީ ނަމްބަރު 21، މުޙައްމަދު ނަދީމެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނީ ކޭސީޕީގެ ކޯޗް ފަރުހަތު މުޙައްމަދެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ކޭސީޕީގެ ޖޯޒީ ނަމްބަރު 11، އާސިފް ސަލީމެވެ.

މިއީ ކުޅުދުއްފުށި ސިޓީގައި މިހާތަނަށް ބޭއްވި އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ތިރީސްހާސް ރުފިޔާ ވަނީ ކަނޑައަޅާފައެވެ.