ފްރާންސް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނުމެޗުން 2-1 ގެ ނަތީޖާއިން ނައިސް ބަލިކޮށް ޕީއެސްޖީ އަލުން ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ.

މި މެޗަށް ޕީއެސްޖީ ނުކުތީ ފުރަތަމަ 11 ގައި ހުނަރުވެރި ފޯވާޑް ކެއިލިން އެމްބާޕޭ ނުލައެވެ. ފަހުން ބެންޗުގައި އިދެ ކުޅެންނުކުމެ ގޯލެއްޖަހައި އެމްބާޕޭ ވަނީ ޕީއެސްޖީ މޮޅުކޮށްދީފައެވެ.

Ad
rt

މެޗުގެ ފުރަތަމަ ގޯލު 29 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބު ކޮށްދިނީ ލިއޮނަލް މެސީ އެވެ. މެސީ ވަނީ އެންމެފަހުން ގައުމީ ޓީމަށް ކުޅުނު މެޗުގައިވެސް މިހިސާބުން ލިބުނު ހިލޭ ޖެހުމަކުން ގޯލެއް ކާމިޔާބު ކޮށްފައެވެ.

ފުރަތަމަ ހާފު ނިމުނީ 1-0 ގެ ނަތީޖާއިން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ނައިސްއިން ގޯލެއްޖަހައި މެޗުގެ ނަތީޖާ ހަމަ ހަމަ ކުރިއެވެ. މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ފްރާސްގެ 28 އަހަރު ފޯވާޑް ގައެޓަން ލެބޯޑް އެވެ.
މެޗުން ޕީއެސްޖީ މޮޅުކޮށްދިން ގޯލު އެމްބާޕޭ ކާމިޔާބު ކޮށްދިނީ މެޗުގެ 83 ވަނަ މިނެޓުގައެވެ.

ފްރާސްލީގުގެ ތާވަލުގެ އެއްވަނައިގައި ޕީއެސްޖީ އޮތީ 25 ޕޮއިންޓާއެކުގައެވެ. ދެވަނައިގައިވާ މާސެލް 23 ޕޮއިންޓް ހޯދާފައިވާއިރު، ރޭ ބަލިވި ނައިސްއަށް ލިބެނީ 8 ޕޮއިންޓާއެކު ތާވަލުގެ 13 ވަނައެވެ.