''ސަރުކާރުގެ ސިޔާސަތަކީ، އުތުރާއި ދެކުނުގައި ފަތުރުވެރިކަން ފުޅާކޮށް، ޚިދުމަތްތައް ޤާއިމުކުރުން''

Faisal Naseem

މި ސަރުކާރުގެ ސިޔާސަތަކީ، ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަން ފުޅާކޮށް، އެކަމަށް ބޭނުންތެރި ޚިދުމަތްތައް ޤާއިމުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަދާރަން ސިލެކްޓް ހުދުރަން ފުށީގައި މިރޭ ބޭއްވި ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2022 ގެ ހަވަނަ އެޑިޝަންގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ނައިބު ރައީސް ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަން ފުޅާކޮށް، ދެމެހެއްޓެނިވި އަދި އަތްފޯރާ އަގެއްގައި ވައިގެ މަގުންނާއި ކަނޑުމަގުން ދަތުރުފަތުރުކުރެވޭނެ ފަދަ އެކަމަށް ބޭނުންތެރި ޚިދުމަތްތައް ޤާއިމުކުރުމެވެ.

މީގެ 50 އަހަރު ކުރިން ރާއްޖޭގެ ފަތުރުވެރިކަން އުފެދިގެންއައި ގޮތުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން އެމަނިކުފާނު ވަނީ ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކުރެވުނީ ފަތުރުވެރިކަން ކުރިއެރުވުމަށް ޓަކައި، ޒުވާން ބައެއް ފަރާތްތަކުން ކުރި ބުރަ، އިޚްލާޞްތެރި، އަދި މިންނެތް މަސައްކަތްތަކުންކަން ފާހަގަކުރައްވާފަ އެވެ.

މިއަދު ރާއްޖެއަކީ އެންމެ ކުރިއަރާފައިވާ އެއް މަންޒިލްކަން ފާހަގަކުރައްވާ، އެ ކާމިޔާބީ ލިބުމުގެ އަސްލު ޙަޤީޤަތަކީ ދިވެހި ރާއްޖޭގެ މެހެމާންދާރީ އަދާކުރުމުގެ ސިފަކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި ދިވެހިންގެ އެންމެ ޚާއްޞަ އެއްކަމަކީ ގާތް ރަޙްމަތްތެރިކަމާއި، ދީލަތިކަމާއެކު ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް ޒިޔާރާތްކުރާ ކޮންމެ ފަތުރުވެރިއަކަށް ވެސް އެންމެ ފުރިހަމަ ތަޖުރިބާ ފޯރުކޮށްދިނުމުގެ ވިސްނުން ހުރެ އެކަމަށް ކުރާ މަސައްކަތްކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވެވި އެވެ.

ކޯވިޑް-19ގެ ސަބަބުން ދަތުރުފަތުރުކުރުމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ ހުރަސްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން އަޅަންޖެހުނު ފިޔަވަޅުތަކުގެ ތެރޭގައި، ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ރިސޯޓްތަކާއި ގެސްޓްހައުސްތައް ވަގުތީގޮތުން ބަންދުކުރަން ޖެހުމުން ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑު ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ.

އެމަނިކުފާނު ވަނީ އަލުން ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި، ފަތުރުވެރިންނަށް މި ޤައުމަށް އައުމަށް މަގުފަހިވެގެންދިޔައީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިސްނެންގެވުމާއި، ސަރުކާރާއި ފަތުރުވެރިކަމުގެ ޞިނާޢަތު ގުޅިގެން ކުރި މަސައްކަތުންކަމުގައި ފާހަގަކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކުން ސަރުކާރަށް ވެދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރައްވައި، ކޮވިޑްއަށް ފަހު ރާއްޖޭގެ ފަތުރުވެރިކަން ކުރިއެކޭ އެއްގޮތްވުމަށް ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ އެއްބާރުލުން ލިބުނުކަމުގައި ފާހަގަކުރައްވާފަ އެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ "ސަޓާ 2022" އެވޯޑް ފަތުރުވެރިކަމުގެ ދާއިރާއާއި ހޮސްޕިޓާލިޓީ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކުރެއްވި 5 ފަންނުވެރިންނަށް ޙަވާލުކޮށްދެއްވާފަ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި