ފަތުރުވެރިކަމުގައި ރާއްޖޭގެ ބްރޭންޑެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ "ވަން ރިޒޯޓް، ވަން އައިލެންޑް" ބްރޭންޑަކީ ދޫކޮށްލެވޭނެ ބްރޭންޑެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް، މިހެންވިދާޅުވީ ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމުގެ ގޮތުން ރޭ ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި ފަތުރުވެރިކަމުގެ "އެޕްރިސިއޭޝަން ރިސެޕްޝަން" ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ދިވެހިން ވަނީ ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމް އިންޑަސްޓްރީއެއް ތަޢާރުފްކޮށްފައި ކަމަށެވެ. އަދި އެކަން ކުރީ ދިވެހިން ކަމަށާއި، އެހެންކަމުން އެ ސިނާއަތުގައި މަސައްކަތް ކުރާނެ މީހުން ވެސް ދިވެހިންނަށް އުފެއްދޭނެ ކަމަށެވެ. އެހެން ނަމަވެސް، އެއަށް ވާދަކުރެވޭނެ ފުރުޞަތު ބޭރު ފަރާތްތަކާ އެކީގައި އޮންނަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ސިނާއަތު ފުޅާކޮށް، ދަމަހައްޓާއިރު ރާއްޖޭގެ ޤުދުރަތީ ރީތިކަން ޙިމާޔަތް ކުރެވެންޖެހޭނެ ކަމަށެވެ. ގޮނޑުދޮށްތަކާއި، މޫދާއި، ފަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ޙިމާޔަތް ކުރެވެންޖެހޭނެ ކަމަށެވެ.

''ހަމައެއާއެކު، ރާއްޖޭގެ ބްރޭންޑެއްގެ ގޮތުގައިވާ "ވަން ރިޒޯޓް، ވަން އައިލެންޑް" އެއީ އަޅުގަނޑުމެންނަށް ދޫކޮށްލެވޭނެ ބްރޭންޑެއް ނޫން. އެއީ ދިވެހިރާއްޖެއަކީ. އެއީ ދިވެހިރާއްޖޭގެ ޓޫރިޒަމަކީ. އެހެންކަމުން، އަޅުގަނޑުމެން ހަނދާނުގައި ބަހައްޓައިގެން، އެއާ ދޭތެރޭގައި ވިސްނުން ގެންގުޅެންޖެހޭނެ.'' ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ދިވެހިން ބުރަ މަސައްކަތުން އެ ދަތި އުނދަގުލުގައި ފެށްޓެވި މަސައްކަތުން މިއަދު ވަނީ ދުނިޔޭގެ އެންމެ މަޤްބޫލު ޑެސްޓިނޭޝަނަށް ރާއްޖެ ވެފައިކަން ފާހަގަ ކުރައްވާފައެވެ. އަދި މި މަގާމު ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ވަރަށްގިނަ މަސައްކަތްތަކެއް އަދި އެބަހުރި ކަމަށް ވެސް ވިދާޅުވިއެވެ.

''ދުނިޔޭގައި ޓޫރިޒަމްގެ ވާދަވެރިކަން އެބައޮތް. ރާއްޖެ ނަމޫނާއަކަށް ބަލައިގެން، މިފަދަ އެތައް މަންޒިލްތަކެއް ތަރައްޤީ ކުރަމުން އެބަދޭ. އަޅުގަނޑުމެން ޓޫރިޒަމްގެ މި މަގާމު ދެމެހެއްޓުމަށްޓަކައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރަންޖެހޭ އެއްކަމަކީ، މެހްމާންދާރީ އަދާކުރުން. އެއީ ޒަމާނުއްސުރެ ރާއްޖެއާ ދޭތެރޭގައި ސައްޔާޙުން، ދަތުރުވެރިން އަބަދުވެސް ދައްކަމުން އައި ވާހަކަ. ދިވެހިންނަކީ އޯގާތެރި، މީހުންނަށް އަޅާލައި، ބޭރުން އަންނަ މީހުންނަށް މެހްމާންދާރީ އަދާކުރުމުގައި ނަމޫނާ ބައެއްގެ ގޮތުގައި.'' ރައީސް ވިދާޅުވެފަވެފަވެއެވެ.