އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީއަށް 2012 ވަނަ އަހަރު ފުރަތަމަ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ބްރެޒިލްގެ މިޑްފީލްޑަރ ރަމިރޭސް ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ.
އުމުރުން 35 އަހަރުގެ، ރަމިރޭސް ފުޓްބޯޅައިން ރަސްމީކޮށް ރިޓަޔަރ ކުރިކަން އިޢުލާން ކޮށްފައި ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުން މެދުވެރިކޮށް ކުރި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި އޭނާ ބުނެފައި ވަނީ ފުޓްބޯޅައިގައި ހޭދަކުރެވުނު ސާދަވަރަކަށް އަހަރުގެ ތެރޭ ގައުމީ ޓީމަށާއި ކުލަބް ލެވެލްގައި ގިނަ ކަންތައްތަކެއް ހާސިލް ކުރެވިފައިވާ ކަމަށެވެ. އެ ކާމިޔާބީތައް ހޯދުމުގައި އޭނާއަށް އެހީތެރިވެދިން އެންމެހާ ފަރާތްތަކަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.
ރަމިރޭސް ފުޓްބޯޅަ ކެރިއަރު ފަށާފައި ވަނީ ބްރެޒިލްގެ ޖޮއިންވިލްއިންނެވެ. އެއަށްފަހު ބްރެޒިލްގެ ކްރުޒޭރޯއަށް ކުޅެ އެ ކުލަބުގައި ދެއްކި މޮޅު ކުޅުމާއިއެކު ޕޯޗުގަލްގެ ބެންފީކާއިން 2009 ވަނަ އަހަރު އޭނާގެ ސޮއި ހޯދިއެވެ. ބެންފީކާގައި ދެއްކި މޮޅު ކުޅުމާއިއެކު ޔޫރަޕްގެ ބޮޑެތި ކުލަބުތަކުން އޭނާއަށް ޝަޢުޤުވެރިވިއެވެ. މިގޮތުން 2010 ވަނަ އަހަރު އޭނާ ބަދަލުވީ ޕްރިމިއާ ލީގުގެ ޗެލްސީއަށެވެ.
ރަމިރޭސް ވަނީ 2010 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާއި ހަމައަށް ޗެލްސީއަށް ކުޅެ ކާމިޔާބީތަކެއް ހޯދާފައެވެ. މިގޮތުން އެންމެ ފާހަގަ ކޮށްލެވޭ ކާމިޔާބަކީ އޭނާގެ މޮޅު ކުޅުމާއިއެކު 2012 ވަނަ އަހަރު ޗެލްސީން އަލަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމެވެ. މީގެ އިތުރުން ރަމިރޭސް ވަނީ ޗެލްސީއާއިއެކު ޕްރިމއާ ލީގާއި އެފްއޭކަޕާއި، ލީގު ކަޕުގެ އިތުރުން ޔޫރޮޕާ ލީގުވެސް ކާމިޔާބު ކޮށްފައެވެ.
ރަމިރޭސް ވަނީ ބްރެޒިލްގެ ޤައުމީ ޓީމާއިއެކު ވެސް ކާމިޔާބީތަކެއް ހޯދާފައެވެ. މިގޮތުން 2009 ވަނަ އަހަރު ކޮންފަޑެރޭޝަންކަޕް ބްރެޒިލް ކާމިޔާބުކުރި އިރު އެ ޓީމްގައި އޭނާ ވަނީ ހިމެނިފައެވެ. މީގެ އިތުރުން 2008 ވަނަ އަހަރު އޮލިމްޕިކުން ލޯމެޑެލް ހޯދި ބްރެޒިލް ޓީމުގައި ވެސް އޭނާ ހިމެނެއެވެ.
ބްރެޒިލްއަށް 52 މެޗު ކުޅެދީ ހަތަރު ލަނޑު އޭނާ ވަނީ ކާމިޔާބު ކޮށްދީފައެވެ. ބްރެޒިލްއާއިއެކު 2010 ގެ ވޯލްޑް ކަޕާއި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ރަމިރޭސް ވަނީ ކުޅެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!