ށ. ފޭދޫ ކަނޑޫފަލުގައި ކަނޑޫ އާލާކުރުމަށް ނާސަރީއެއް ހަދަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ފޭދޫ ކައުންސިލްގެ ރައީސް އަޙްމަދު ރައިޝަމް ''ތިލަދުން'' އަށް ވިދާޅުވީ، މި އެއްބަސްވުމުގައި ފޭދޫ ކައުންސިލްގެ ފަރާތުން ސޮއިކޮށްފައި މި ދިޔަ ހަފްތާ ބަންދުގައި މާލޭ ރޮޓަރީ ކުލަބްގެ ފަރާތުން އެރަށަށް ކުރި ޒިޔާރަތުގެ ތެރެއިން އެ ކްލަބާއެކުގައި ކަމަށެވެ.
މާލޭ ރޮޓަރީ ކުލަބާއިއެކު ވެވުނު މި އެއްބަސްވުމުގެ ދަށުން ނެތެމުންދާ އެރަށުގެ ކަނޑޫފަލުގައި ކަނޑޫ ގަސް އާލާ ކުރުމަށް ނާސާރީއެއް ހެދުމުގެ އިތުރުން ރަށުގެ އަންހެން ބޭފުޅުންނަށް އާމްދަނީ ހޯދޭނެ ގޮތަކަށް ކަނޑޫ ގަސްތައް ހުންނަ ރަށުގެ ކުޅި ތަރައްގީ ކުރަން މަސައްކަތްތަކެއް ކުރުމަށް މަޝްވަރާކުރެވިފައިވާ ކަމަށް ވެސް ރައިޝަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ބޮޑު ތިލަދުންމަތީގެ ކަނޑޫފާތައް ހުރި ރަށްތަކުގެ ކަނޑޫފާތަކުން ކަނޑޫގަސްތައް މަރުވެ، ނެތިދާކަމުގެ ކަންބޮޑުވުން އޮތްއިރު، މި މަޝްރޫޢުގެ ދަށުން އެރަށު ކަނޑޫފާ އަލުން އާރޯކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
މާލޭ ރޮޓަރީ ކުލަބުން ފޭދޫއަށް ކުރި ޒިޔާރަތުގެ ތެރެއިން އެ ކްލަބުން ވަނީ އެރަށުގެ ކަނޑޫފަލަށާއި، ކުޅި ހިމެނޭ ސަރަޙައްދަށް ވެސް ޒިޔާރަތްކޮށްފައެވެ. އަދި ރަށު ކައުންސިލާއި، ރައްޔިތުންނާ ބައްދަލުކޮށް ޚިޔާލު ބަދަލުކޮށްފަވެއެވެ.
މާލެ ލޮޓަރީ ކްލަބުން ފޭދޫއަށް ކުރި ޒިޔާރަތުގެ ތެރެއިން، ފޮޓޯ: ފޭދޫ ކައުންސިލް
މާލޭ ރޮޓަރީ ކުލަބްގެ ރައީސް ޝަހީދާ އާދަމް ''ތިލަދުން'' އަށް ވިދާޅުވީ، ފޭދޫ ކަނޑޫފަލުގައި ކަނޑޫ އާލާކުރުމަށް ނާސަރީއެއް ހަދުމުގެ މަސައްކަތް އެ ކްލަބުން ކުރިއަށް ގެންދަންދާނީ އެކިފަރާތްތަކުން ފަންޑު ހޯދައިގެން ކަމަށެވެ. އަދި އެ މަސައްކަތަށް 5-6 ލައްކައާއި ދެމެދު ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވާ ކަމަށާއި، މި މަސައްކަތް މި އަހަރުތެރޭ ފެށުމަށް އަމާޒުހިފާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
''ނާސަރީގެ އިތުރުން ރަށުގެ ކުޅި ހިމެނޭ ސަރަހައްދު ތަރައްގީ ކުރުމަށް ވެސް ޚިޔާލް ބަދަލު ކުރެވުނު، އަޅުގަނޑުމެން އެރަށަށް ގޮސް ބެލިބެލުމުން އެ ސަރަހައްދު ތަރައްގީކުރުމަށް އިތުރުކަންކަން ބޭނުންވާކަން ދެނެގަނެވުނު، މިކަމަށް ކައުންސިލުން ކުރައްވަންޖެހޭ ކަންކަން ވެސް އެބަހުރި، އެހެންވެ މިކަމާ މަޝްވަރާ ކުރެވިފައި ވަނީ، ވިސްނުމަކީ ނާސަރީއަށްފަހު އެކަން ކުރެވޭނެ ގޮތެއް ބެލުން'' ޝަހީދާ ވިދާޅުވިއެވެ.
މާލޭ ރޮޓަރީ ކުލަބަކީ، ލޮޓަރީ އިންޓަނޭޝަނަލްގެ ދަށުން އުފެދި ހިނގަމުން އަންނަ އަމިއްލަ ޖަމިއްޔާ އެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!