ހދ. ކުޅުދުއްފުށީ ސިޓީ އާއި، އައްޑޫ ސިޓީގެ ހިތަދޫގައި ތަރައްޤީކުރަމުންދާ ބަނދަރު ނިމުމުން ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓްގެ ޙަރަކާތްތައް މިހާރަށްވުރެ ފުޅާވެ، ރަށްރަށުގެ ވިޔަފާރިއަށް ވަރަށް ބޮޑު ދިރުމެއް އަންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ 36 ވަނަ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ގދ. ތިނަދޫގައި ވެސް ސަރަޙައްދީ ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވާފަ އެވެ.

Ad
rt

ވެރިރަށް މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތްތައް ތަފްޞީލުކޮށްދެއްވަމުން ރައީސް ސާލިހު ވަނީ މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ގުޅިފަޅުގައި ބަނދަރަށް ބޭނުންވާ ބިމުގެ އެއްބައި ހިއްކާނިމިފައިވާކަން ވެސް ފާހަގަކުރައްވާފަ އެވެ.

ރައީސް ސާލިހު ވިދާޅުވީ ގުޅިފަޅަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުމުން ބަނދަރުގެ ޙަރަކާތްތައް ހަލުވިވެ، ޚިދުމަތްތައް އަވަސްވެގެންދާނެ ކަމަށެވެ. އަދި މާލެ ސަރަޙައްދުގައި ހުރި ބަނދަރުތަކާއި ގުދަންތައް ގުޅިފަޅަށް ބަދަލުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ގުޅިފަޅުގައި ބަނދަރު ތަރައްޤީކުރަނީ، މާލޭ ވިޔަފާރި ބަނދަރާއި، މާލޭ އުތުރު ބަނދަރާއި މާލޭގެ ދެކުނު ބަނދަރުގެ ޙަރަކާތްތަކަށް ވެސް ޖާގަ ލިބޭ ވަރަށް" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ތިލަފުށީގައި މިހާރު ތަރައްޤީކުރަމުން އަންނަ ބަލްކު ޓާމިނަލް، މަޝްރޫޢު ނިމުމުން މިހާތަނަށް މާލޭގެ ވިޔަފާރި ބަނދަރުން ނުދޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެމް.ޕީ.އެލް އިން ތައްޔާރުވަމުންދާކަމުގައި ވިދާޅުވެފަ އެވެ. އެގޮތުން ހިލަޔާއި ހިލަވެލި އެތެރެކުރަން ބޭނުންވާ ވިޔަފާރިވެރިންނަށް ވެސް އަދި ޢާންމުންނަށް ވެސް ވަރަށް ބޮޑު ފަސޭހަތަކެއް ލިބޭނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވި އެވެ.

މީގެއިތުރުން ވެސް މި ބަނދަރުތައް ތަރައްޤީކުރުމުން ލިބިގެންދާނެ ފައިދާތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ މާލޭގެ ތޮއްޖެހިފައިވާ އާބާދީގެ ތެރޭގައި ހިންގާ ޞިނާޢީ ބޮޑެތި ޙަރަކާތްތައް މަދުވާނެކަމަށާއި، މިހާރު މާލޭގައި ހިންގާ ބަނދަރުތަކުގެ ބިންތައް، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އެހެން ޚިދުމަތްތަކަށް ބޭނުންކުރެވޭނެ ގޮތްވެގެންދާނެކަމަށެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާވަނީ އެމް.ޕީ.އެލްގެ މުވައްޒަފުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާ އެބޭފުޅުންނަށް ޝުކުރުއަދާކުރައްވާފަ އެވެ. އަދި އެމް.ޕީ.އެލްގެ މުވައްޒަފުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައި ވެއެވެ.

އެގޮތުން އެމް.ޕީ.އެލްގެ މުވައްޒަފުންނަށް ތަރައްޤީކުރާ ފްލެޓްތަކުގެ އަގާ މެދު މުވައްޒަފުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރިކަންފާހަގަކުރައްވާ އެކަމާގުޅިގެން އެމަނިކުފާނު ވަނީ ކުންފުނީގެ ވެރިންނާ އެމަނިކުފާނު މަޝްވަރާކުރައްވާފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި އެމަނިކުފާނު އުންމީދު ކުރައްވާ ގޮތުގައި ކުންފުނީގެ ބޯޑުން މިހާރު ނިންމާފައިވާ ނިންމުމުން، އެމް.ޕީ.އެލްގެ މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާލޭގެ ވިޔަފާރި ބަނދަރުގެ ތަރައްޤީއަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދީ ޙަރަކާތްތައް އިތުރަށް ހަލުވިވެ، އަދި ދިވެހިންގެ އަތްމަތި ތަނަވަސްވެ، ފުދުންތެރި ދިރިއުޅުމަކަށް މަގު ފަހިވެގެން ދާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފަ އެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ "ލޯންގް ސަރވިސް އެވޯޑްސް" އެމް.ޕީ.އެލްގެ 12 މުވައްޒަފަކަށް ޙަވާލުކޮށްދެއްވާފަ އެވެ. އަދި މި ޖަލްސާގައި އެމް.ޕީ.އެލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ޕޯޓްގެ މޮޑެލްއެއް ވެދުމަށް އަރުވާފަ އެވެ.

މީގެ އިތުރުން މި ޖަލްސާގައި ޕޯޓް ކޮމިއުނިޓީ ފަންޑް އިފްތިތާޙްކުރުމާއި، ޖޮބް ޕޯޓަލް، ސްޓާފް މޯބައިލް އެޕްލިކޭޝަން އިފްތިތާޙްކުރުމާއި، ސްކޮލަރޝިޕް ޙަވާލުކުރުން ކުރިއަށްދިޔަ އެވެ.