އޮކްޓޯބަރުމަހު 11 ވަނަ ދުވަހު ކުޅުދުއްފުށީގައި ހުޅުވާ ހިދުމަތް ދޭންފެށި ކާޑިއެކް ސެންޓަރު ހިދުމަތް ކެނޑި ހިދުމަތް ހޯދަމުންދިޔަ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
އެ ސެންޓަރުން ދެމުން އައި ހިދުމަތް މެދުކެނޑިފައިވަނީ ކާޑިއެކް ސެންޓަރުގައި މަސައްކަތް ކުރަމުންދިޔަ ހަމައެކަނި ހިތުގެ ޑޮކްޓަރުން ރަށުން ފުރުމުން ކަމަށް ވަނީ މައުލޫމަތު ލިބިފައެވެ.
މިސްރަށް ނިސްބަތްވާ އެ ޑޮކްޓަރު އެގްރިމެންޓް ހަމަވެ އެނބުރި ރަށަށް ގޮސްފައިވަނީ މި ނިމިދިޔަ އޮކްޓޯބަރުމަހުގެ ތެރޭގައި އެވެ.
ކުޅުދުއްފުށީ އޮންލައިން އަށް މައުލޫމާތު ދެމުން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކާޑިއެކް ސެންޓަރު ހުޅުވިގެން ދިޔައިރު ހިތުގެ ބައްޔަށް ފަރުވާ ދިނުމަށް ޑޮކްޓަރެއް ހުންނެވިކަމަށާއި ނަމަވެސް މިހާރު ޑޮކްޓަރެއް ނުހުންނާނެ ކަމަށްށެވެ.
މީގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ހިތުގެ ބަލިތަކަށް އާ ޑޮކްޓަރެއް ނެގުމަށްޓަކާ އިންޓަވިއު ކޮށް ނިންމާފައިވާކަމަށާއި ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ހިތުގެ ޑޮކްޓަރުގެ ހިދުމަތް ލިބިގެންދާނެކަމަށް އެފަރަތުން ވަނީ ބުނެފައެވެ.
އެންމެ ޒަމާނީ ވަސީލަތްތަކާއެކު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ހުޅުވި ކާޑިއެކް ސެންޓަރުން ކާޑިއެކް ކޮންސަލްޓޭޝަން، އިކޯ ކާޑިއޯގްރާމް، ހޯލްޓަރސް މޮނިޓަރިން، އީސީޖީ އަދި ޓީއެމްޓީގެ ހިދުމަތް ލިބެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!