ފަރަންސޭސިވިލާތުގައި ރާއްޖެ އިތުރަށް އިސްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) އިން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.
އެމްއެމްޕީއާރުސީން މިއަދު ބުނީ ފަރަންސޭސިވިލާތުގެ މާކެޓުގައި ދިވެހިރާއްޖެ އިތުރަށް އިސްތިހާރު ކުރުމުގެ މަޤްޞަދުގައި ހާއްސަ 'ކަނެކްޓް ވިތް މޯލްޑިވްސް ޔޯރ ސޭފް ހޭވަން މޯލްޑިވްސް ރޯޑްޝޯ' ނަމުގައި ރޯޑްޝޯ އެއް ބާއްވައި، އިންޓަނޭޝަނަލް އެންޑް ފްރެންޗް މާކެޓް (އައިއެފްޓީއެމް) ޓޮޕް ރީސާ 2022 ގައި ބައިވެރިވެ ރާއްޖެ އިސްތިހާރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެމްއެމްޕީއާރުސީން ބުނީ މި ދެ ހަރަކާތުގެ ތެރެއިން ފަރަންސޭސިވިލާތުގެ މާކެޓަށް އަމާޒުކޮށްގެން ބާއްވާ ރޯޑްޝޯ އޮންނާނީ ޕެރިސްގެ ލެ 28 ޖޯޖްދަފިފްތްގައި އިންޑަސްޓްރީގެ 13 ކުންފުންޏެއްގެ ބައިވެރިވުމާއެކުގައި ކަމަށެވެ. މިއީ ރާއްޖޭގެ މުހިއްމު އެއް ސޯސް މާކެޓެއްގެ ގޮތުގައި ފަރަންސޭސިވިލާތް އަލުން ޤާއިމުކޮށް، ޓްރެވަލް އޭޖެންޓުންނާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިންނާ ދެމެދު ވިޔަފާރީގެ ފަހި ގުޅުންތައް ބަދަހިކޮށް، ޓްރެވަލް އޭޖެންޓުން މެދުވެރިކޮށް ފަރަންސޭސިވިލާތުގެ އެފްލުއަންޓް އޯޑިއަންސްތަކުގެ މެދުގައި ރާއްޖެ އިތުރަށް އިޝްތިހާރުކުރުމަށް ބާއްވާ ހަރަކާތެއްކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން މިދިޔަ އަންގާރަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ޕެރިސްގެ ޕޯޓްޑިވާރސައިގައި ބާއްވާ ''އައިއެފްޓީއެމް ޓޮޕް ރީސާ 2022'' ގައި އެމްއެމްޕީއާރުސީއާއެކު 27 އިންޑަސްޓްރީ ޕާޓްނަރުން ވަނީ ބައިވެރިވެފައެވެ. އައިއެފްޓީއެމް ޓޮޕް ރީސާ 2022 އަކީ ފަތުރުވެރިކަމާއި ދަތުރުފަތުރަށް ހާއްސަކޮށްގެން ފަރަންސޭސިވިލާތުގައި ބާއްވާ މަލްޓި ޕާޕަސް ޓްރޭޑް ޝޯއެކެވެ.
މިގޮތުން މި ޝޯއަކީ މައިސް، ލެޝާރ، ބިޒްނަސް އަދި ގްރޫޕް ޓްރެވަލް ފަދަ ސެގްމެންޓުތަކާ ގުޅުން ހުރި ފަތުރުވެރިންނަށް ހިދުމަތްތައް ފޯރުކޮށްދޭ އަދި ވިއްކާ ގިނަ ފަރާތްތައް ބައިވެރިވާ ހަރަކާތެކެވެ. ހިދުމަތްދޭ މަންޒިލްތަކާއި ވިޔަފާރިތަކަށް ހާއްސަ މި އިވެންޓު މެދުވެރިކޮށް ވިޔަފާރީގެ ގުޅުން ބަދަހިކޮށް، ޓްރެވަލް ބަޔަރުންނާއި، އިންފްލުއެންސަރުންނާއި، މާކެޓް ޕްރޮފެޝަނަލުން އަދި ވިޔަފާރިތަކަށް އެއްތަނަކުން ބައްދަލުކުރުމުގެ ފުރުސަތު މި ފެއާއިން ލިބިގެންދާނެއެވެ.
އެމްއެމްޕީއާރުސީން ބުނިގޮތުގައި އެ ކުންފުނިން މި ހަރަކާތްތައް ހިންގަމުން މި ދަނީ ފަރަންސޭސިވިލާތުގެ މާކެޓަށް ކަނޑައަޅާފައިވާ މާކެޓިންގ ސްޓްރެޓެޖީގެ ދަށުންނެވެ. މިފަދަ ހަރަކާތްތަކުގެ ތެރެއިން އެ ކުންފުނީގެ އަމާޒަކީ ރާއްޖެއަކީ ފަރަންސޭސިވިލާތުގެ މާކެޓުގައި އެންމެ މަޤުބޫލު އެއް މަންޒިލްގެ ގޮތުގައި ގާއިމްކޮށް، ކޯވިޑްގެ ބަލިމަޑުކަމުގެ ކުރިން މި މާކެޓުން ލިބެމުންއައި އެރައިވަލްސްއާ އެއްވަރަށް މިހާރު މި މާކެޓުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުން ކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތައް (ރިސޯޓް، ހޮޓަލް، ގެސްޓްހައުސް އަދި ލިވަބޯޑް) ޕްރޮމޯޓުކޮށް، ރާއްޖެއިން ހިދުމަތްދޭ އެކި ސެގްމަންޓުތައް ކަމަށްވާ ހަނީމޫން، ރޮމާންޓިކް، ފެމިލީ، އެޑްވެންޗަރ، ޑައިވް އަދި އަންޑާވޯޓާ ސެގްމެންޓުތައް އިޝްތިހާރުކުރުމާއި، މީގެ އިތުރުން ރާއްޖޭއަކީ ޖަޒީރާ ގައުމެއްކަމުން ފަތުރުވެރިންނަށް ލިބޭ އެކަހެރިކަމާއި، މަންޒިލުން ފަތުރުވެރިންނަށް ލިބޭ ލަގްޒަރީ ފަދަ ތަފާތު ތަޖުރިބާތައް ފަރަންސޭސިވިލާތުގެ މާކެޓުގައި އިޝްތިހާރުކުރުންވެސް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.
''މިފަދަ އިވެންޓްތަކުގެ ޒަރިއްޔާއިން އަޅުގަނޑުމެން އިންޑަސްޓްރީގެ ބައިވެރިންނަށް އެބޭފުޅުންގެ ޕްރޮޕަޓީތަކާއި، އުފެއްދުންތަކާއި، ހިދުމަތްތައް ޕްރޮމޯޓް ކުރުމަށްވެސް ފުރުސަތު ލިބޭ'' އެމްއެމްޕީއާރުސީން ބުނެފަވެއެވެ.
ފަރަންސޭސިވިލާތަކީ 24 އޮގަސްޓް 2022 އާއި ހަމައަށް 34،120 އެރައިވަލްސްއާއެކު އެންމެ ގިނައިން ފަތުރުވެރިން މި އަހަރު ޒިޔާރަތްކޮށްފައިވާ މާކެޓެވެ. މިއީ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި 1,056,851 ފަތުރުވެރިންގެ %3.2 މާކެޓް ޝެއާއެވެ.
މި މާކެޓަށް އަމާޒުކޮށްގެން އެމްއެމްޕީއާރުސީއިން ދަނީ އެކި މާކެޓިން ކެމްޕޭންތަކާއި ސޯޝަލް މީޑިއާ ކެމްޕައިންތަކާއި ޑިޖިޓަލް މީޑިއާ އިޝްތިހާރު ކެމްޕޭންތައް ކުރިއަށްގެންދިޔުމުގެ އިތުރުން ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވަމުންނެވެ.
ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރްސީ އިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ހިންގާފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!