''ބޮޑު ތިލަދުންމައްޗަށް މިސަރުކާރުން މިގެންނަނީ ބޮޑު ބަދަލެއް''

Miuvan

ބޮޑު ތިލަދުންްމައްޗަށް މިސަރުކާރުން ގެންނަމުން ދަނީ ބޮޑު ބަދަލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިޢްވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިޢްވާން މިހެން ވިދާޅުވީ، ސަރުކާރުންކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ރާއްޖޭގެ މީޑިއާތަކަށް މަޢުލޫމާތު ޙިއްޞާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ސަރުކާރުން ބޮޑުތިލަދުންމަތީގެ ތަރައްޤީއަށް ބޮޑެތި މަޝްރޫޢުތަކެއް ޕްލޭންކޮށްފައިވާއިރު އޭގެ ތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް މިހާރު ގެނެސްފައިވާ ބޮޑު ބަދަލުތަކުގެ އިތުރުން އެ ހޮސްޕިޓަލް 100 އެނދުގެ އައު ޓާޝަރީ ހޮސްޕިޓަލެއް ގޮތުގައި ތަރައްޤީ ކުރުމާއި، މި ސަރަހައްދުގައި އިތުރު ހޮސްޕިޓަލްތަކެއް ބިނާ ކުރުމާއި، އެއާބަސް A320 އާއި، ބޮއިން 737 މަރުކާގެ ބޯޓުފަހަރަށް ހިދުމަތް ދެވޭ ގޮތަށް އަހަރަކު 1.3 މިލިއަން މީހުންނަށް ޚިދުމަތް ދެވޭހެން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމާއި، އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ގާއިމް ކުރުމުގެ ތަސައްވުރު ހިމެނެއެވެ. އަދި މި ސަރަހައްދުގެ ރައްތަކުގައި ފެނާ، ނަރުދަމާއާއި، ބަނދަރުތަކާއި އަދި މަގުތައް ފަދަ އެތައް އުމުރާނީ މަޝްރޫޢުތަކެއް ހިންގާ ނިމި، މިހާރު ވެސް ދަނީ ހިންގަމުންނެވެ.

މީގެ އިތުރުން އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކްގެ ދަށުން، ޒޯން 1ގައި ހިމެނޭ ހދ. ހއ. އަދި ށ. އަތޮޅުގެ ހުރިހާ ރަށަކަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ޚިދުމަތް ތަޢާރަފް ކުރުމަކީ ވެސް މި ސަރަޙައްދުގެ ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިދީފައިވާ ކަމެކެވެ.

މިކަންކަމަށް އިޝާރަތް ކުރައްވަމުން މިސަރުކާރުން، ބޮޑު ތިލަދުންމަތީގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހިންގަމުންދާކަން ފާހަގަކުުރައްވައި މިޢްވާން މިއަދު ވިދާޅުވީ، އާރްޓީއެލްގެ ފެރީނިޒާމާއި އެކު ބޮޑުތިލަދުންމަތި ދަތުރުފަތުރުން ގުޅާލެވިފައި ވާއިރު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢުތަކާއި ތިލަދުންމަތީގެ ރަށްރަށުގެ ފެނާއި ނަރުދަމާ ޤާއިމް ކުރުމުގެ މަޝްރޫއުތަކާއި އެނޫންވެސް ޢުމްރާނީ ތަރައްޤީގެ އެތައް ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާ ކަމަށެވެ.

މީގެއިތުރުން ތިލަދުންމަތީގެ ތަރައްޤީއާއި ގުޅިފައިވާ އެންމެ ބޮޑު އެއް މަޝްރޫޢުކަމުގައިވާ، ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި އަންނަ ހަފްތާގެ އާދިއްތަ ދުވަހު ސޮއިކުރެވޭނެ ކަމުގައިވެސް މިޢްވާން ވިދާޅުވިއެވެ.

މިޢްވާން ވިދާޅުވީ، ދިވެހިންގެ ޖަޒީރާ ދިރިއުޅުމަށް ދިވެހިން އެނބުރި ދިޔުމަށް ކުރަމުންދާ މަސައްކަތުގައި، ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، ކޮންމެ ރަށެއްގައިވެސް އަސާސީ ޚިދުމަތްތައް ޤާއިމްކުރައްވައި، އެހެން ރަށްރަށަށް ދަތުރުކުރެވޭނެ ފަސޭހަ ނިޒާމެއް ޤާއިމްކޮށް، ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމުތަކެއް ހަމަޖެެއްސެވުމަށް ކަމަށެވެ. އަދި މިމަސައްކަތުގައި ބޮޑު ތިލަދުންމަތި ވެގެންދާނީ، ނަމޫނާ ސަރަހައްދަކަށް ކަމުގައިވެސް މިޢްވާން ވިދާޅުވިއެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *