ށ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ''އެސް.ޓީ.އޯ ވިަޔަވަތި ޤުރުއާން މުބާރާތް'' މިއަދު ފަށައިފިއެވެ.

މިއަދު މެންދުރުފަހު ފެށި މި މުބާރާތުގައި އެ އަތޮޅުގެ 10 ސްކޫލަކުން 85 ކުދިން ބައިވެރިވެއެވެ.

Ad
rt

މިއަދުން ފެށިގެން މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތަކީ ށ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން، ށ. އަތޮޅުގެ ކައުންސިލްގެ މާލީ އެހީތެރިކަމާއެކު، ށ. އަތޮޅު ކައުންސިލާއި އެ އަތޮޅުގެ ރަށްރަށުގެ ސްކޫލްތަކާއި ގުޅިގެން، އަތޮޅު ފެންވަރުގައި ސިލްސިލާކޮށް ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ މުބާރާތެކެވެ.

މި މުބާރާތް ބޭއްވުމުގެ މަޤްޞަދުތަކުގެ ތެރޭގައި އަތޮޅުގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބި ޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކޮށް ފެތުރުމާއި، ޤުރްއާން ހިތުދަސްކޮށް، ތަޖުވީދުމަގުން ޤުރްއާން ކިޔެވުމަށް ހިތްވަރު ދިނުމާއި، ރީތިކޮށް ޤުރުއާން ކިޔެވުމުގައި ދަރިވަރުންގެ މެދުގައި ވާދަވެރިކަން އުފެއްދުމާއި އަދި ޤައުމީ މުބާރާތުގައި ބައިވެރިވާނެ ބައިވެރިން އުފެއްދުން ހިމެނެއެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ށ. އަތޮޅު ކައުންސިލް

މީގެ އިތުރުން އެ އަތޮޅުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫޙް އަށަގެންނެވުމާއި، ޤާރީންނާއި ޙާފިޒުން އުފެއްދުމަށް ބާރުއެޅުމާއި ހިތްވަރު ދިނުމާއި އަދި ސްކޫލްތަކުގެ މެދުގައި ބަދަހި ގުޅުމެއް ގާއިމު ކުރުން ހިމެނެއެވެ.

ށ. އަތޮޅު ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި މި މުބާރާތަށް ގާތްގަނޑަކަށް 5 ލައްކަ ރުފިޔާ ޚަރަދުވާނެއެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ އެސްޓީއޯ އެވެ. ކޯ-ސްޕޮންސަރުންނަކީ ފެނަކަ ކޯޕަރޭޝަނާއި، ފިއުލް ސަޕްލައި މޯލްޑިވްސް އެވެ.