ކުޅުދުއްފުށީ ގައި ކުރިން ހިންގި ޕްލޭ ސްކޫލެއް ކަމަށްވާ، އަމީރު އަމީން ސްކޫލް އަލުން ހިންގުމަށް 20 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް ހެޔޮއަގުގައި ޕްލޭ ސްކޫލްގެ ހިދުމަތް ފޯރުކޮށްދިނުމަށާއި ޒަމާނީ ތައުލީމް ތަރައްޤީ ކުރުމަށް، އަމީރު އަމީން ސްކޫލުގެ ބިމާއި އިމާރާތްތައް ކުއްޔަށްދިނުމަށް ނިންމައި ބަޔަކާއި މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

Ad
rt

އަމީރު އަމީން ސްކޫލް އަލުން ހިންގަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހަވާލުކޮށްފައި ވަނީ މެދުރި ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ކުންފުންޏާ ސިޓީ ކައުންސިލާ ދެމެދު މިކަމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ އިއްޔެއެވެ.

''މި އެއްބަސްވުމަކީ 20 ސެޕްޓެމްބަރ 2022 އިން ފެށިގެން ޖުމްލަ 20 (ވިހި) އަހަރު ދުވަހުގެ މުއްދަތަށް ވެވިފައިވާ އެއްބަސްވުމެއް.'' ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެފަވެއެވެ.

އަމީރު އަމީން ސްކޫލް ކުރިން ހިންގަމުން އައީ އޭރުގެ ކުޅުދުއްފުށީ ކައުންސިލުންނެވެ. ކޯވިޑްގެ ސަބަބުން އެ ސްކޫލްގެ ކިޔެވުން މެދު ކަނޑާލީ 2020 ވަނަ އަހަރުގެ މާރިޗް މަހުއެވެ. ކޯވިޑްގެ ސަބަބުން މާލީ ގޮންޖެހުންތަކާހެދި އެ ސްކޫލް ބަންދުކުރަން ކައުންސިލުން ނިންމީ އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީ ކޮޅެވެ.

322 ކުދިންނާއެކު ނާސަރީ އާއި ބޭބީ ނާސަރީއަށް ކިޔަވައިދެމުން އައި އެ ސްކޫލުން ކޯވިޑްގެ ހާލަތުގެ ސަބަބުން ސަތޭކައެއްހާ ދަރިވަރުން ވަކި ވެސް ވިއެވެ.

އޭގެ ފަހުން އައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ އެ ސްކޫލް ޕްރައިވެޓްކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.