ރާއްޖޭގައި މިހާތަނަށް ކުރިޔަށް ގެންދާ އެންމެ ބޮޑު ކަނޑު އަޑީގެ ދިރާސާ ކުރަން ފެށީ މިމަހުގެ 11 ވަނަ ދުވަހު އެވެ.

މި ދިރާސާ ހިންގަނީ ދިވެހި ސަރުކާރާއި އިނގިރޭސިވިލާތުގެ މެރިން ރިސާޗް އިންސްޓިޓިއުޓެއް ކަމުގައިވާ ''ނެކްޓަން'' އާއި ގުޅިގެންނެވެ. މި ދިރާސާ ހާއްސަވެ، ތާރީހީ ކަމަކަށް ވަނީ ކަނޑު އަޑީގެ 1،000 މީޓަރު އަޑިއަށް ގޮސްގެން ތަފާތު މައުލޫމާތުތަކެއް އެއްކުރުމަށް ހަމަޖެހިފައިވާތީ އެވެ.

Ad
rt

މިފަދަ ތާރީހީ މަސައްކަތެއްގައި ރާއްޖޭގެ ބައިވެރިވުމާއި އެކު ލިބޭ އެންމެ ބޮޑު ޝަރަފާއި ކުރިއެރުމާއި ހިތްހަމަ ޖެހުމަކީ ދިވެހިން އަމަލީ ގޮތުން މަސައްކަތުގައި ބައިވެރިވުމެވެ. އޭގެ ތެރޭގައި ހދ. ވައިކަރަދޫ މުހައްމަދު ޝިމާލް އަކީ ދިިރާސާގައި މުހިންމު މަސައްކަތެއް ކުރަމުން އަންނަ ފަރާތެކެވެ.

2015 ވަނަ އަހަރު މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރުއައި) އާއި ގުޅުނު ޝިމާލް އަކީ ފަރުތަކާއި ގުޅޭ އަދި އެތަންތަނުގައި ކުރާ މަސްވެރިކަމާއި ގުޅޭ ސައިންޓިފިކް ދިރާސާ ކުރުމުގައި އެ އިންސްޓިޓިއުޓްގައި އިސް ދައުރެއް އަދާ ކުރާ ހީވާގި ޒުވާނެކެވެ. މީގެ އިތުރުން ވޯލްޑް ބޭންކުގެ އެހީއާއި އެކު ހިންގާ ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގައި ސައިންސް އެންޑް ރިސާޗް ކޯޑިނޭޓަރެއްގެ ގޮތުގައި ވެސް ޝިމާލް މަސައްކަތް ކުރެއެވެ.

މި މަޝްރޫއުގެ ރިސާޗް ކޮމްޕޯނެންޓްތައް ބަލަހައްޓަނީވެސް އޭނާ އެވެ. އެގޮތުން އާރް ޕްރޮގްރާމިން މެދުވެރިކޮށް ޑޭޓާ މެނޭޖްމަންޓާއި ޑޭޓާ އެނަލިސިސްއަށް ޝިމާލްގެ ވަކި ޝައުގުވެރިކަމެއް އެބައޮތެވެ.

އޮސްޓްރޭލިއާގެ ޗާލްސް ޑާވިން ޔުނިވާސިޓީން ވައިލްޑްލައިފް އެންޑް ކޮންޒަވޭޝަން ބަޔޮލޮޖީއަށް ޚާއްސަކޮށްގެން ބެޗްލާ އޮފް އެންވަޔަރަންމަންޓަލް ސައިންސް ހާސިލް ކުރައްވާފައިވާއިރު، އިނގިރޭސިވިލާތުގެ ބެންގޯރ ޔުނިވާސިޓީން މެރިން ބަޔޮލޮޖީގެ ދާއިރާއިން، ޝިމާލް ވަނީ މާސްޓާ އޮފް ސައިންސް ހާސިލް ކުރައްވާފައިވެއެވެ.

ފުން ކަނޑަށް ދިޔުމަށް އުފައްދާފައިވާ ހާއްސަ އުޅަނދެއްގައި ތިބެގެން ކަނޑުއަޑި ހޯދާބަލައި މައުލޫމާތު އެއްކުރާ، އެ މިޝަންގައި ފީނާ 10 ދިވެހިންނާއި އެކު އޭނާ އަދާ ކުރަމުންދަނީ ފަރުހުރުވެރި ވާންޖެހޭ ފަދަ ބުރަ މަސައްކަތެކެވެ.

މި ތަރުޖިބާ އާއި ގުޅޭގޮތުން ޝިމާލް ބުނީ މިހާރު އެޓީމު ހުވަދު އަތޮޅުގައި ކުރަމުންދާ މަސައްކަތުގެ ތެރެއިން އޭނާ ކުރި ޑައިވްގައި 500 މީޓަރު އަޑީގައި ހަތަރު ގަޑިއިރު ހޭދަ ކުރި ކަމަށެވެ. މިދަތުރުގައި ހުވަދު އަތޮޅުގެ ރަށެއްގައި ފައި ޖައްސާލުމުގެ ކުރިން ކަނޑުގެ އެންމެ އަޑީގައި އުޅޭ މަސްތަކާއި ކަނޑުގެ ދިރުންތައް ބަލައިލަން ފުރުސަތު ލިބުނު ކަމަށެވެ. ހުވަދޫގެ އިތުރުން ރާއްޖޭގެ އެންމެ ދެކުނުން އައްޑޫގެ ކަނޑުގެ ސަރަހައްދުތައް ބަލާލުމުގެ ފުރުޞަތުވެސް އޭނާއަށް ލިބިފައިވެ އެވެ.

އޭނާ ބުނީ ކަނޑުގެ ވަރަށް އަޑިއަށް ގޮސްގެން ކުރާ މި ދިރާސާގެ އަލީގައި ކަނޑުއަޑީގެ ދިރުންތަކާއި ކަނޑުގެ ވެށި ހިމާޔަތް ކުރުމަށް، އަޅަން ޖެހޭ ފިޔަވަޅުތައް އެނގޭނެ އެވެ. ޝިމާލް ގަބޫލު ކުރާ ގޮތުގައި މި ދިރާސާގެ ސަބަބުން ރާއްޖޭގެ ކަނޑު އަޑީގެ ދިރުންތަކާއި ގުޅޭ ތަފާތު އެހެން ދިރާސާތަށް ކުރުމަށް ދޮރު ހުޅުވިގެންދާނެ އެވެ.

"އަޅުގަނޑަށް ވަރަށް ޔަޤީން، މި އެކްސްޕެޑިޝަނުން ލިބޭ ޢިލްމަކީ ރާއްޖޭގެ ފުން ކަނޑާއި ކަނޑުގެ ބިންގަނޑުގެ އިކޯލޮޖިކަލް އަދި ޖިއޮމޯރފޮލޮޖިކަލް ޕްރޮސެސް ދިރާސާކުރުމަށް އާ ޝައުޤުވެރިކަމެއް އުފެދި، ޚާއްޞަކޮށް ދިވެހި ރައްޔިތުންނަށް ދިރާސާކުރުމުގެ މުޅިން އާ ދާއިރާއެއް ހުޅުވިގެންދާނެ ކަމެއް."

''ނެކްޓަން'' އިން މީސް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯއެއްގައި "ދިވެހިންނަށް" ދިން މެސެޖުގައި ޝިމާލް ބުނެފައިވެއެވެ.

ބަބުލްގައި އިންދެ އިތުރު ހާއްސަ މެސެޖެއް ކުޑަކުދިންނަށް ވެސް ޝިމާލް ދީފައިވެ އެވެ. އެމެސެޖުގައި ބުނީ، ކަނޑާއި ފުން ކަނޑުގައިވާ ދިރުންތަަކާމެދު މާދަމާ އަޑު އުފުލާނެ ބަޔަކީ މިއަދުގެ ކުޑަކުދިން ކަމަށެވެ. އެގޮތުން ޝިމާލްގެ ދަރިފުޅުގެ ކިބައިން ވެސް ފުން ކަނޑުގެ ދިރުންތަކާއި މެދު ޝައުގުވެރިކަން ފެންނަ ކަމަށާއި އެކުދިން ބޮޑުވެގެން ވާނީ، މި ފުން ކަނޑުގެ ސައިންސްވެރިން ކަމުގައި އުންމީދު ކުރާކަމަށް ބުނެފައިވެއެވެ.

މި ދިރާސާގައި ޑައިވަރުންގެ އިތުރުން ސަބްމާރސިބަލްގެ ޕައިލަޓް ކިމްލީ ޑޯއެއް ދަނީ ބޭނުން ކުރަމުންނެވެ. އޭގެ އެހީގައި މީގެ 20000 އަހަރު ކުރިން "ލާސްޓް ގްލޭޝިއަލް މެކްސިމަމް" ގައި ގަނޑުވެފައިވާ ފެން ވިރުމުގެ ކުރިން ހުރި ބީޗް ލައިންތައް ކަނޑުގެ 120 މީޓަރުގެ ފުނުން ފެންނާނެ ކަމަށް ރާއްޖޭގެ ކަނޑުތަކާއި ގުޅޭ ދިރާސާކުރަމުންދާ މިޝަންގެ ސައިންސްވެރިން ލަފާކުރެއެވެ.

ހަމައެއާއެކު ކަނޑުގެ ލޮނުގަނޑު އުފުލުމާއެކު ދިރުންތަކަށް އަންނަ ބަދަލުތަކަށް އެތަކެތި ހޭނެމުންދާގޮތް ދިރާސާ ކުރުމަށް މި މިޝަންގެ ތެރެއިން ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ރާއްޖޭގެ ކަނޑު އަޑީގައި ހުންނަ 34 ފަރުބަދައިގެ މަޢުލޫމާތު ވެސް އެއްކުރުމަށްވަނީ ހަމަޖެހިފައެވެ. މި ފަރުބަދަތަކަކީ ރާއްޖޭގައި އުޅޭ ކަނޑުމަސް އާލާވާ މުހިންމު ތަންތަނެވެ. އަދި މި ފަރުބަދަތަކުގެ ވާހަކަ ދިވެހި ތާރީހީ ފުލޯކު ވާހަކަތަކު ތެރޭގައިވެސް ގެނެސްފައިވެއެވެ.

ކަނޑުގެ 50 މީޓަރަށް ވުރެއް ފުނަށް ދިޔުމަކީ އާންމުކޮށް ކުރެވޭ ކަމަކަށް ނުވާތީ، ކުރިން ފެނިފައިނުވާ އެތައް ތަނެއް ފެނި އެތަކެއް އާ ތަޖުރިބާތަކެއް މި މިޝަންގެ ބައިވެރިންނަށް ކުރެވިގެންދާނެއެވެ.

މި މިޝަންގައި ބައިވެރިވާ ދިވެހިންގެ ޓީމް ލީޑް ކުރަމުން އަންނަ، މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރ ޖެނެރަލް ޝާފިޔާ ނައީމް ވިދާޅުވީ، އަޅުގަނޑުމެންގެ ކަނޑުތަކުގައި 40 ވައްތަރުގެ މިޔަރާއި 18 ވައްތަރުގެ މަޑި ފުޑްޗެއިންގެ އެންމެ މަތީގައި އެބައުޅޭކަމަށާއި މި މިޝަން އާއިއެކު ފުރަތަމަ ފަހަރަށް ފުނުގައި މި ދިރުންތައް އާލާވެފައިވާ މިންވަރު ދެނެގަނެވޭނެކަމަށެވެ. މިއީ ކަނޑުތަކުގެ ޙާލަތު ދެނެގަތުމަށް ހޯދިގެންދާނެ ވަރަށް މުހިންމު މަޢުލޫމާތެއްކަމުގައި އޭނާ ފާހަގަކުރަށްވާފަ ވެއެވެ.

މި ދިރާސާގައި މަޢުލޫމާތު އެއްކުރުން އަންނަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހާއިހަމައަށް ކުރިއަށްދާނެއެވެ.

ދިވެހިރާއްޖެއަކީ 99 އިންސައްތަ ކަނޑު އަދި 1 އިންސައްތަ ބިމުން އެކުލެވިފައިވާ، އަދި ކަނޑުގެ ލޮނުގަނޑުގެ އެންމެ 1.5 މީޓަރު އުހުގައިވާ ޤައުމެކެވެ.